މިހާރު ހުސްވެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީން ބާއްވާ ޕްރައިމެރީގެ ޓިކެޓަށް ހައްވާ ޒީނަތު އަނެއްކާ ވެސް ވާދަ ކުރަން ނިންމައިފި އެވެ.
ޒީނަތަކީ ކުރިން ވެސް އެ ޓިކެޓަށް ވާދަ ކުރި މީހެކެވެ.
އޭނާއަކީ ކުރިން ފޭދޫ އަވަށު ބޯޑްގެ ނައިބް ރައިސްގެ މަގާމުގެ އިތުރުން ފޭދޫ ކައުންސިލަރުގެ މަގާމު ވެސް އަދާކޮށްފައިވާ މީހެކެވެ.
ޒީނަތު ޓިކެޓަށް ވާދަ ކުރަން ނިންމައި، ތާއީދު ހޯދުމަށް މިހާރު އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ. އަދި ޒީނަތު ވަނީ އެމްޑީޕީގެ ވީހާ ވެސް ގިނަ ބަޔަކު ޕްރައިމެރީގައި އޭނާ އަށް ވޯޓް ދިނުމަށް އެދިފަ އެވެ.
ޓިކެޓް ދިނުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމެރީ އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެމްޑީޕީގެ ފަރާތުން ޕްރައިމެރީގައި ކުރިން ވެސް ވާދަ ކުރި އަލީ ފަހުމީ (އަހަންމާގެ ފަހުމީ) އާއި ފޭދޫ ޗަމަންގޭ އިބްރާހީމް ހަލީލް ވެސް ވާދަ ކުރަން ވަނީ ނިންމައިފަ އެވެ.
ކައުންސިލްގެ ފޭދޫ ގޮނޑި ހުސްވީ، އެ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) މިދިޔަ މަހުގެ 8 ގައި ހާޓްއެޓޭކެއް ޖެހިވަޑައިގެން އަވަހާރަވުމާ ގުޅިގެންނެވެ.