Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އައްޑޫ އެއާޕޯޓްގެ ފުރަތަމަ ސްޓާފް ނައިޓް ބާއްވައިފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޓާފް ނައިޓް ތެރެއިން / ފޮޓޯ: އިއުޖާޒް އަލ - އޭއައިއޭ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފުރަތަމަ ސްޓާފް ނައިޓް ބުރާސްފަތި ދުވަހުގެ ރޭ ގަމުގައި ބާއްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޓާފް ނައިޓް ރޭ ބާއްވާފަނީ ގަމުގެ އަލަށް ތައްޔާރު ކުރަމުންދާ ލައުންޖުގައެވެ. މި ސްޓާފް ނައިޓޫގައި އެކުންފުނިން ވަނީ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދީފައެވެ. މީގެ އިތުރުން ކުންފުންޏަށް ގިނަ ދުވަހު ޙިދުމަތްކޮށްފައިވާ ގިނަ މުވައްޒަފުންގެ ވަނީ އަގުވަޒަންކޮށްފައެއެވެ.

އަދި ކުންފުނިން ރިޓަޔަރ ވެފައިވާ 4 ފަރާތެއްވެސް ފާހަގަކޮށް ވަނީ ހަފްލާ ތެރެއިން އަގުވަޒަން ކޮށްފައެވެ.

މީގެ އިތުރުން މުވައްޒަފުންގެ މެދުގައި ގުރުލައި ތަފާތު އެކި އިނާމްތައް މުވައްޒަފުންނަށް ވަނީ ސްޓާފް ނައިޓްގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ. އަދި މުވައްޒަފުންގެ މެދުގައި ގުރުލައި މުވައްޒަފަކަށް ވަނީ އުމްރާ ދަތުރެއްވެސް ހަދިޔާ ކޮށްފައެވެ.

ސްޓާފް ނައިޓުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިހާތަނަށް މިފަދަ ހަރަކާތެއް ބޭއްވިފައި ނެތް ނަމަވެސް، ކުރިއަށް އޮތް އަހަރު ތަކުގައި މިއީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭނެ ހަރަކާތަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި މީގެ އިތުރުން ކުންފުނިން ހޯދާ ކޮންމެ ކުރިއެރުމަކީވެސް ކުންފުނީގެ ރައުސޫލްމާލު ކަމަށްވާ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ކުރިއަށް ދިޔަ ސްޓާފް ނައިޓުގައި 4 ކެޓަގަރީއަކުން ގިނަ ދުވަހު ޙިދުމަތްކޮށްދިން މުވައްޒަފުންގެ ވަނީ އަގުވަޒަންކޮށްފައެވެ. އެގޮތުން ކުންފުނީގައި މަދުވެގެން 10 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކޮށްފައިވާ ފަރާތްތަށް ވަނީ ފާހަގަކޮށްފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކޮށްގެން 37 ފަރާތަކަށް އެވޯޑު ދެވިފައެވެ. މީގެ އިތުރުން 15 އަހަރަށް ޙިދުމަތް ކުރުމުގެ އެވޯޑު 55 މުވައްޒަފަކަށް ދީފައިވާއިރު، 20 އަހަރަށް ޙިދުމަތް ކުރުމުގެ އެވޯޑު 19 މުވައްޒަފަކަށް އަދި 25 އަހަރު ޙިދުމަތް ކުރުމުގެ އެވޯޑު 16 މުވައްޒަފަކަށް ވަނީ އަރުވާފައެވެ.

ކުންފުނީގެ ސްޓާފް ނައިޓް ފުރަތަމަ ފަހަރަށް ބޭއްވިއިރު، ކުންފުނި ތަރައްޤީކޮށް މުވައްޒަފުންނަށް ބޭނުންވާ އިތުރު ކަންކަން ފުރިހަމަ ކުރުމަށް ހުރިކަން އޭއައިއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ކުރިއަށް ގެންދެވޭ ތަރައްޤީގެ މަޝްރޫޢު ނިމެމެމުންދާ ވަރަކަށް ބަދަލުތައް ފެންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.