ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިން ބޭންކިންގ ލޮގިން އަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން މިއަދު ތައާރަފްކޮށްފައިވާ ކަމަށެވެ. މި ފެށޭ ހަފްތާތެރޭގައި މި ހިދުމަތް އިންޓަރނެޓް ބޭންކިންގއަށް ވެސް ލިބިގެންދާނެ ކަމަށް ބިއެމްއެލްއިން މައުލޫމާތުދެއެވެ.
މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެއެވެ.
އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިންގ އެޕް އަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން މައުލުމާތުދެއެވެ.
As a further step to protect our customers, we have introduced Two Factor Authentication (2FA) for Mobile Banking today. This update will verify that the login is by the registered customer. 🔐
To enable 2FA, you can update your Mobile Banking app on App Store or Play Store.
— Bank of Maldives (@bankofmaldives) May 7, 2023
ބީއެމްއެލްއިން ބުނެފައިވަނީ ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މި ގޮތުން މާރިޗު 2023 ގައި، ބޭންކުން ހުރިހާ ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާރޓްސް ދާގޮތަށް ހަމަޖައްސައިފައިވެއެވެ. މީގެ އިތުރުން ބޭންކުން ވަނީ އޮތެންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަންފަށާފައެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނެފައިވަނީ ބޭންކުން ތަކުރާރުކޮށް އެދެނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށް ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް ހަނދާންކޮށްދީފައިވެއެވެ.