Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ރިޔާސީ އިންތިހާބަށް އެކަނިވިޔަސް ނުކުންނާނަން

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެކަނިވިޔަސް ނިކުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނަވާނެތޯ ނުވަތަ ނޫންތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެގޮތުން ވަކި މީހަކަށް މަޑު ނުކުރައްވާނެ ކަމަށާއި އެކަނިވިޔަސް ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ ރޭހަށް ގާސިމް ނިކުންނެވުމަށް ނިންމަވާފައިވާއިރު ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ޖޭޕީން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.