ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންތަކަކާ އެކީ ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑްގައި މި މަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ކޭމްޕެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި މަހުގެ 28-31 އަށް ބާއްވާ ކޭމްޕްގައި ބައިވެރިވާން ފީއަކަށް ދައްކަން ޖެހެނީ 200 ޑޮލަރެވެ. ފުޓްބޯޅަ ކޭމްޕް ހާއްސަކޮށްފައި ވަނީ 12 އަހަރުން ދަށުގެ ކުދިންނަށެވެ.
ސިޔާމް ވޯލްޑް އިން ބުނި ގޮތުގައި އެ ރިސޯޓްގެ ވޯލްޑް ސްޕޯޓްސް އެރީނާގައި ކުރިއަށް ގެންދާ ކޭމްޕްގައި ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ދެ ތަރިއަކު ބައިވެރިވާނެ އެވެ. އެއީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރިން ކަމަށްވާ ގެރީ ކެހިލް، 37، އާއި މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ވެސްޓް ހަމް ފަދަ ޓީމްތަކަށް ކުޅެފައިވާ ވޭން ބްރިޖް، 42، އެވެ.
ގެރީ އާއި ވޭން އަކީ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ ފުޓްބޯޅައިގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ. އެހެންވެ މި ކުޅުންތެރިންގެ އެހީގައި ފުޓްބޯޅައިގެ ހުނަރާއި ތަޖުރިބާ ކޭމްޕްގައި ބައިވެރިވާ ކުދިންނަށް ލިބި، ކުދިންގެ ހުނަރު ރަރައްގީކުރަން ބޮޑު އެހީއަކަށްވާނެ ކަމަށް ސިޔާމް ވޯލްޑް އިން ބުންޏެވެ.
މީގެ ކުރިން ވެސް އެ ރިސޯޓްގެ ސްޕޯޓްސްގައި ކުޅިވަރުގެ ތަފާތު ހުނަރުވެރިންނާ އެކީ ހަރަކާތްތައް ބާއްވައިވެ އެވެ.