Last Updated: February 13, 22:43
Thursday, February 13, 2025
ޚަބަރު

ތޫފާނުގެ ސީދާ އަސަރުނުކުރި ނަމަވެސް މޫސުން އިތުރަށް ގޯސްވެއްޖެ

ފޮޓޯ: އައްޑޫލައިވް

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ސީދާ އަސަރު ރާއްޖެ ސަރަހައްދަށް ނުކުރި ނަމަވެސް ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއާއި ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިއަދު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. "މޮކާ"ގެ ނަމުން ނަން ދީފައިވާ ތޫފާން މަޑުމަޑުން ހުޅަނގުއުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް، މިސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލު ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައިވެއެވެ.