ޓްވިޓާގެ އާ ސީއީއޯ އަކީ ލިންޑާ ޔަކަރީނޯކަން އިއުލާންކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ޓްވިޓާ އަންހެން ސީއީއޯ އެކު ނަގާފައިވާ ކަމަށް އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ބުރާސްފަތި ދުވަހު ވިދާޅުވުމަށް ފަހު ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އޭނަ ވިދާޅުވި ގޮތުގައި ކުރިއަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޓްވިޓާގެ ސީއީއޯގެ މަގާމާ ލިންޑާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ އެވެ.
އީލޮންގެ ރޭގެ ޓްވީޓްގައި ވިދާޅުވީ ހުރިހާ ކަމެއް އެއްކޮށް ހަމަޖެހުމުން ލިންޑާއާ، ޓްވިޓާ ސްޕޭސެސްގައި ސުވާލުކުރުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވައިލާނެ ކަމަށެވެ.
As soon as @LindaYacc is ready, we will do a Spaces where you can ask us anything
— Elon Musk (@elonmusk) May 12, 2023
ޓްވިޓާ އަށް ސީއީއޯއަކު ނަގާފައި މި ވަނީ ސީއީއޯގެ މަގާމުގައި ހުންނެވުމާ މެދު އީލޮން ޓްވިޓާގައި އާންމުންގެ ހިޔާލު ވެސް ހޯއްދެވުމަށް ފަހު އެވެ. ޓްވިޓާގެ ސީއީއޯގެ މަގާމު އާ ބޭފުޅަކާ ހަވާލުކުރެއްވުނަށް ފަހު އީލޮން ހުންނަވާނީ ކުންފުނީގެ ޓްވިޓާގެ އެކްޒެކެޓިވް ޗެއާގެ އިތުރުން ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ގެ މަގާމުގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު 44 ބިލިއަން ޑޮލަރަށް އީލޮން ޓްވިޓާ ބައްލަވައިގަތް އިރު، އޭގެ ސީއީއޯއަކަށް ހުންނެވީ އިންޑިއާ ދަރިކޮޅުގެ މީހެއް ކަމަށްވާ ޕާރަގް އަގަރްވާލެވެ. އޭގެ ކުރިން ޓްވިޓާގެ ސީއީއޯ އަކީ ޖެކް ޑޯޒީ އެވެ.
އިޓަލީ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ލިންޑާ އަކީ ކުރިން އެންބީސީ ޔުނިވާސަލް އާއި ޓާނާ އެންޓަޓައިންމަންޓްގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. ޕެން ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ލިންޑާ އަކީ ކުރިން އެޕަލް ނިއުސް އާއި ޔޫޓިއުބާއި ސްނެޕްޗެޓާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުކެވެ.