މަސްތުވާތަކެތި ޓްރެފިކް ކުރި މަރަދޫ މީހަކު 100،000ރ. ރުފިޔާއިން ޖޫރިމަނާކޮށް ޢުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ޙުކުމްކޮށްފައި ވަނީ ސ. މަރަދޫ، ބޯޅަދަނޑުގެ، މުޙައްމަދު ލިއުޝާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން 2012 ޑިސެމްބަރު 12 ވަނަ ދުވަހުގެ 23:07 ހާއިރު މ. އޯކިޑް ހައުސްގޭގެ ހަތަރު ފަންގިފިލާ ބަލައި ފާސްކުރަނިކޮށް، އެ ފަންގިފިލާގެ ބެލްކަނީގައި ތިބި މުޙައްމަދު ލިއުޝާން އާއި އިތުރު ތިން މީހަކު ހުއްޓާ ފެނިގެން އެ މީހުންގެ ޙާޟިރުގައި އެ ފަންގިފިލާ ބަލައި ފާސްކުރި އިރު އެ ފަންގިފިލާގެ ކޮޓަރިތެރޭގައި ހުރި އަލަމާރި މަތީގައިއޮތް، 442.9 ގްރާމް ކެނެބިސްހުރި ކޮތަޅެއް ފެނިފައިވާ މައްސަލަ އާ ގުޅިިގެންނެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ މ. އޯކިޑްހައުސްގޭގެ 4 ވަނަ ފަންގިފިލާއިން ފެނުނު ކޮތަޅުގައި 442.9 ގްރާމް ހެރޮއިން ހުރިކަން އެތަކެތީގެ ތަޙުލީލު ރިިޕޯޓުން ދައްކާތީއާއި ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ޙަވާލާދީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން ލިއުޝާން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ލިއުޝާން ޢުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް މި ފައިސާ މި އަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މި ކޯޓަށް ދެއްކުމަށް ލިއުޝާނަށް އަންގައި މިގޮތުގެ މަތިން ޙުކުމް ކުރާ ކަމަށެވެ.
މި މައްސަލާގައި ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެ އެވެ.
ނަމަވެސް ލިއުޝާން ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ކާފީ ހެއްކާއި ޤަރީނާ ލިބިފައި ނުވާ ކަމަށް މިއަދު ކުރި ޙުކުމުގައި ވެ އެވެ.