Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

މަޖިލީހަކީ މިހާރު ސަރުކާރާ ދެކޮޅު އައްޑާއެއް: މަވޯޓާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސަކަށް ހުންނަވައިގެން ހިންގަވަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިހާރު ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގާ އައްޑާއެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރިސޯސްތައް ވެސް މިހާރު ބޭނުން ކުރަނީ ނަހަމަ ގޮތުގައި ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް މިހާރު ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު ހަރަކާތް ހިންގާ އައްޑާއަކަށް ނަޝީދު ބަދަލު ކުރައްވާފައި،" މަވޯޓާ ވިދާޅުވި އެވެ. "ގާނޫނަކަށް ގަވައިދަކަށް ބެލުމެއް ނެތް. މަޖިލީހުގެ ރިސޯސްތައް ބޭނުން ކުރަނީ ނަހަމަ ގޮތުގައި."

އޭނަ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކަންކަން މިގޮތަށް ދާ މިއީ ގާނޫނު ހިންގުމުގެ ބާރު ފޮހެވިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.

ނަޝީދު މިހާރު ހިންގަވަމުން ގެންދަވާ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގެން މިހާރު ގެންދަވަނީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެސް ވައްދަމުންނެވެ. އެގޮތުން ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވެސް އިތުބާރު ނެތް ކަމަށް އިއްޔެ ހުށަހެޅި ނަމަވެސް ފަހުން އެ މައްސަލަ ވަނީ އަނބުރާ ނަގައިފަ އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަކަށް ހިންގަން އޮތް ތަނެއް ނޫން ކަމަށެވެ.