ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވައްކަންދީ ޓްވީޓު ކުރި މައްސަލާގައި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ހަސަން މުޣުނީ ވަކިކޮށްފިއެވެ.
މުޢުނީ މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ މަގާމުން ވަކި ކުރީ ޓްވީޓުގެ މައްސަލާގައި ރައީސް އޮފީހަށް ހާޒިރު ކުރުމަށްފަހު މައްސަލަ ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ހާމަ ކުރުމަށް ފަހު އެވެ.\
މުޢުނީ ކުރި ޓްވީޓުގައި އޮތީ "ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް" ކަމަށެވެ. ފަހުން މުއުނީ ވަނީ އެ ޓްވީޓު ޑިލީޓުކޮށްފައެވެ.
އެގޮތުން އާބަންކޯގެ އެމްޑީ އަހުމަދު އާތިފާއި އެސްޓީއޯގެ އާ އެމްޑީ މުހައްމަދު ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއު އާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަދި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފާއި ފެނަކައިގެ އެމްޑީ މުހައްމަދު ސައީދަކީ ކޮރަޕްޓުބައެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަދި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މުޣުނީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހަތަރު މަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށެވެ.
ފަހުން މުއުނީ ވަނީ އެ ޓްވީޓު ޑިލީޓުކޮށްފައެވެ.
މުއުނީ އަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ސްލޮޓުގައި މަގާމަށް އައްޔަންކޮށްފައިވާ މީހެކެވެ. ޖުމްހުރީ ޕާޓީން ވަނީ ކޯލިޝަންގައި އޮވެ ރިޔާސީ އިންތިހާބަށް ވާދަ ކުރަން ނިންމައި ގާސިމް އިބްރާހިމްއަށް ރިޔާސީ ކެންޑިޑެންސީ ދީފައެވެ.