Last Updated: September 20, 05:54
Friday, September 20, 2024
ސިޔާސީ

ޝަކީލާ އަށް މިނިސްޓަރުކަން ގެއްލިއްޖެ

ހެލްތު މިނިސްޓަރަކަށް އައްޔަންކޮށްފައިވާ ޑރ. މަރިޔަމް ޝަކީލާއަށް މަޖްލިސްގެ ރުހުން ނުދިނުމުން މިނިސްޓަރުކަމުން ގެއްލިވަޑައިގެންފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ފުރިހަމަ އައްލަބިއްޔަތު އޮތް މަޖްލީހުގައި ޝަކީލާއަށް ރުހުން ނުދޭން 61 މެމްބަރަކު ވޯޓު ދެއްވި އިރު، އެކަމަނާއާއި އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ 11 މެމްބަރެކެވެ. އެއް މެމްބަރަކު އެއްވެސް ކޮޅަކަށް ވޯޓު ދެއްވާފައި ނުވެއެވެ.

ރައީސް ޔާމީން ހެލްތު މިނިސްޓަރަކަށް ޑރ. ޝަކީލާ އައްޔަން ކުރައްވައި ވޯޓަށް އެއްސެވި އިރު މިއީ އެމަނިކުފާން އައްޔަން ކުރެއްވި، މިނިސްޓަރަކަށް އެމަނިކުފާންގެ ފުރިހަމަ ކޮންޓްރޯލް އޮތް ޕާލިމެންޓްރީ ގްރޫޕަކުން "ނޫނެކޭ" ބުނި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓަރަކަށް ޑރ. ޝަކީލާ ހުންނަވަން ބައެއް ޕީޕީއެމްގެ މަޖްލިސް މެމްބަރުންނާއި، ޕާޓީގެ އިސް ބޭނުންފުޅެއް ނުވެއެވެ.

އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޝަކީލާ ވިދާޅުވީ އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ޕާލިމެންޓްރީ ގްރޫޕުން އޭނާއަށް ރުހުން ނުދިނަސް މައްސަލައެއް ނެތްކަމަށެވެ.

ޝަކީލާއަށް ރުހުން ނުދޭން މަޖްލިސްއިން ފާސްކުރި އިރު އައްޑޫގައި އިމާރާތް ކުރަން ކިޔާ 100 އެނދުގެ ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ކުރިއަށްދާ ތަނެއް ނުފެނެއެވެ.

އައްޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. ޝަކީލާ ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޕީޕީއެމްގެ ފުރިހަމަ އައްލަބިއްޔަތު އޮތް މަޖްލިސް އިން ނިންމެވި އިރު އެކަމަނާ "ސިޔާސީ ގޮތުން ކަތިލެއްވީ" ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.