Last Updated: October 29, 03:06
Monday, October 28, 2024
ޚަބަރު

ކޮންޓެއިނާ ޕާކިންއާ ގުޅޭ އެއްބަސްވުމަކަށް

ހުލުމާލޭ ކޯ ވޯކިން ސްޕޭސް އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އާބަންކޯ

ހުޅުމާލޭ ފޭސް އެކެއްގައި ތަރައްޤީ ކުރާ ކޮންޓެއިނާ ޕާކްގެ ކޯ ވޯކިންގް ސްޕޭސް ތަރައްޤީކޮށް ހިންގަން އާބަންކޯއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޯ-ވޯކިން ސްޕޭސްތަކަކީ އަލަށް ފަށާ ވިޔަފާރިއަކަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުމަށް ދެވޭ ޖާގައަކެވެ. ކޮންޓެއިނާ ޕާކުގެ ކޯ-ވޯކިން ސްޕޭސްގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ނީޒާ އިމާދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒްލީނާ ފާކިރެވެ.

ކޯ ވޯކިން ސްޕޭސްއެއް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ އަލަށް ވިޔަފާރި ފަށަން ގަސްތުކުރާ ފަރާތްތަކަށް ވިޔަފާރިގެ މަސައްކަތްތައް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ހުރި ފުރުސަތުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މިއީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށްވެސް މަގުފަހި ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ކޯ ވޯކިން ސްޕޭސް ބޭނުންކުރަން ގަސްތުކުރާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ކޮންސަލްޓޭޝަން އަދި އެޑްވައިޒަރީ ޚިދުމަތް މެދުވެރިކޮށް ވިޔަފާރި ތަމްރީން އަދި ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އޭގެ ތެރޭގައި ބިޒްނަސް ޕްލޭނިން، މާކެޓިންގް، އިދާރީ ހިންގުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިން އަދި ބުކްކީޕިން ފަދަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީސް ސްޕޭސްއެއް ހިންގުމުގެ ބުރަތައް އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަށް ވާއިރު، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުން ކަމަށެވެ.

މިއީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ އޮފީސް ޖާގަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.