އެޕަލް މުވައްޒަފުން ޗެޓް ޖީޕީޓީ ކުންފުނީގެ މަސައްކަތުގަައި ބޭނުން ކުރުން މަނާކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މިކަން ރިޕޯޓް ކޮށްފައިވާނީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ. އެ ނޫހުން އެޕަލްގެ އިންޓަނަލް ބައެއް ލިއުންތަކާއި ހަވާލާދީ ބުނެފައިވަނީ ޗެޓް ޖީޕީޓީ ފަދަ އޭއައި ލެންގުއޭޖް މޮޑެލް ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރުމުގެ މާހައުލުގައި ބޭނުން ކުރުން މަނާ ކަމަަށެވެ.
ޗެޓް ޖީޕީޓީ އަކީ ކޮންމެ ސުވާލެއް ކުރިއަސް ފަސޭހައިން ޖަވާބު ދޭ އޭއައިއެކެވެ. މި ތަކެތި ޓްރއިން ކުރަނީ ވަރަށް ގިނަ މައުލޫމާތު އެޔަށް ދީގެންނެވެ. މިހެން ވުމުން އެޕަލްގެ ކަންބޮޑުވުމަކީ ކުންފުނީގެ ސިއްރު މަޢުލޫމާތެއް ލީކް ވުމުގެ ފުރުސަތު އޮތުމެވެ. އޯޕަން އޭއައިގެ ޗެޓް ޖީޕީޓީ އަކީ މައިކްރޮސޮފްޓުން ގަނެފައިވާ އެއްޗެކެވެ.
ދުނިޔޭގެ ޓެކް ކުންފުނިތަކުގެ ތެރެއިން އެމެޒޯން އަދި ވެރައިޒޮންއިން ވެސް މިފަދަ ފިޔަވަޅެއް ވަނީ އަޅާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗެޓް ޖީޕީޓީ މަސައްކަތް ކުރާ ގޮތަށް ކުރާ އޭއައިއެއް އެޕަލް ކުންފުނިންވެސް އުފެއްދުމަށް ދަނީ މަސައްކަތް ކުރުމަންނެވެ.
މީގެ އިތުރުން ޗައިނާގެ އަލީބާބާ އާއި ރަޝިއާގެ ސްބާބޭންކުންވެސް ވަނީ އެފަދަ އުފެއްދުމެއް ތައާރަފްކޮށްފައެވެ. މިއީ މަސައްކަތް އަވަސްކޮށް ގިނަ ފަސޭހަތަކެއް މުވައްޒަފުންނަށް ހޯދައި ދިނުމަށް ކުންފުނިތަކުގެ އެތެރޭގައި އަދި އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް އުފައްދާ އޭއައިތަކެވެ.