Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މިއީ ޖޭޕީގެ ފަހަރު: ގާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ޖުމްހޫރީ ޕާޓީގެ ފަހަރެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުން ޖޭޕީއާ އަލަށް ގުޅުނު 664 މެމްބަރުންގެ ފޯމާއި ހަވާލުވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ޖޭޕީގެ ފަހަރު." ގާސިމް ވިދާޅުވި އެވެ.

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އަދި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ޖޭޕީން މަޝްވަރާ ކުރި އެވެ. ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ޖެހިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.