ފިކުރެއްގެ ދިރުންގެ ފަރާތުން އުފައްދާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިއްޖެއެވެ.
އެ ސިއާސީ ޕާޓީއަށް ކިޔުމަށް ނިންމާފައިވާ ނަމަކީ 'ދަ ޑިމޮކްރެޓްސް' ޕާޓީއެވެ. 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.
ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު އެދިފައިވާއިރު، އާޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފައެވެ.
މި ސިޔާސީ ޕާޓީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން، މެންބަރު ހަސަން ޝިޔާން އަދި މެންބަރު އަލީ އާޒިމެވެ. މީގެއިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުވެސް މީގެތެރޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ސަނާކިޔާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުން އޮތީ އިތުރުވެފައެވެ. ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރައީސް ސޯލިހްގެ ސަރުކާރު ޕާޓީގެ ސިޔާސަތުތަކާ ދުރަށް ޖެހުމާއި، ޕާޓީގެ މެނިފެސްޓޯ ތަންފީޒު ނުކުރުމާއި ސަރުކާރުގެ ތެރޭގައި އިތުރުވަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތަކެވެ.