ނެޝަނަލް އާޓް ގެލެރީގައި ހެދި ޕާމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފި އެވެ.
އެތަން ހުޅުވަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ދެހާސް ފަހެއްހައި ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕާމަނަންޓް ކަލެކްޝަނެއް ގާއިމުކުރުމުގެ ސިޔާސަތެއް އޮތް ނަމަވެސް މިއަދާ ހަމައަށް ޕާމަނަންޓް ކަލެކްޝަނެއް ޤާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވެ އެވެ.
— The President's Office (@presidencymv) May 21, 2023
އެހެންވެ އިއްޔެ އިފްތިތާޙު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެ އެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މި ވަގުތު ޕާމަނަންޓް ކަލެކްޝަންގައި މައުރަޒު ކުރެވިފައިވެ އެވެ.
މި 24 ކުރެހުމުގެ އިތުރުން މި ވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާ ކުރައްވާފައިވާ ބައެއް ކުރެހުންތައް ވެސް ހިމެނެ އެވެ.