ސިފައިންގެ ހިދުމަތުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު ފަހު ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް މަތީން އަހުމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކީ އިއްޔެ ރިޓަޔާކުރައްވައިފި އެވެ.
މަތީން ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމާ ގުޅިގެން ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ސިޓީ އާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލެވެ.
މަތީންއާ ރިޓަޔަމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.
މަތީން އަޙްމަދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ޖުލައި 1، 1987 ގަ އެވެ. އޭގެ ފަހުންމަތީން ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގަ އެވެ.
ސިފައިންގެ ޚިދުމަތުން ރިޓަޔަކުރެއްވި އިރު މަތީން ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަ އޮފް ޑިފެންސްގެ މަޤާމުގަ އެވެ.
އޭނަ ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހުލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ ލިބިފައިވެ އެވެ.