Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

މަސްވެރިކަމަށް އެންމެ ބޮޑު އިންވެސްޓެއް ކުރީ މި ސަރުކާރުން

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް އެންމެ ބޮޑު އިންވެސްޓެއް ކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދޭކަމަށް ބުނެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިފާއު ވިދާޅުވީ މަސްވެރިކަމަށް މިހާތަނަަށް އެންމެ ބޮޑު އިންވެސްޓެއް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށެވެ.

ޝިފާއު ވިދާޅުވީ މަސްވެރިކަަމަށް މިއިން ޒަމާނަކު ނުދެކޭ ކުރިއެރުން މި ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ. އަދި އެކަން އެނގެނީ ތަފާސް ހިސާބު ތަކުން ކަމަށެވެ.

"މިއިން ޒަމާނަކު މިފްކޯއަށް ނުގަންނަ އަދަދަށް މަސްގަނެ އަދި އެމަސްވެރިންނަށް ފައިސާ ދޫކުރަމުންދާކަން އަޅުގަނޑުމެންނަށް ތަފާސް ހިސާބުން ފެންނަން އެހުރީ" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ބެޔަސް ނުބެޔަސް މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ބުނެ ވެރިކަމަށް އައި ޕީޕީއެމް ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދީ މަސްވެރިންނަށް ދީ ނިންމާލީ މި ސަރުކާރުންކަމަށެވެ. އަދި ފާއިތުވި 4 އަހަރު ތެރޭ މަސްވެރިންނަށް 1 ބިލިއަން ރުފިޔާގެ ފައިސާ މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް މިއިން ދުވަހަކުވެސް ނުކުރާ ވަރަށް މި ސަރުކާރުން އިންވެސްޓު ކުރަމުން އަންނަ އިރުވެސް އަދިވެސް މަސްވެރިންނަށް ދަތި އެބަހުރިކަމަށް ޝިފާއު ވިދާޅުވިއެވެ.

" ދަތި އޮތޯ ކީއްވެގެންތޯ އެއީ އަޅުގަނޑުމެންނަށް ރަނގަޅަށް ސާފުވާން ޖެހޭ އެނގެން ޖެހޭ ކަމަކީ، ދަތި އޮތް މައިގަނޑު އެއް ސަބަބަކީ ރައީސް މައުމޫން ފެލިވަރު ތަރައްޤީ ކުރިފަހުން މި ހިނގި އެއްވެސް ވެރިކަމެއްގައި ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލޯ ބައިރުފިޔާ ފޮއްޗެއްވެސް އިންވެސްޓު ކުރި ވެރިއެއް ނެތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވާ" ޝިފާއު ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއަށް އަމާޒުކޮށް ޝިފާއު ވިދާޅުވީ އެބޭފުޅުންގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ލޯ ބައިރުފިޔާއެއް ހަރަދު ނުކޮށް މަޖްލިސްގައި އަޑުގަދަ ކުރަނީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތިގެން ކަމަށެވެ.

ޝިފާޢު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރާ އެންމެ ބޮޑު ސަބަބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިގްތިސާދީ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އުތުރުން ދެކުނަށް ކުރައްވާ މަސައްކަތް ފެނި އެ ބޭފުޅާ އާއި ވާދަ ނުކުރެއްވޭނެ ކަން އެނގޭތީ ކަމަށެވެ.