އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވުމަށް އަންނަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު ކަމަށެވެ. އެހެންވެ އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެސް މިހާރު އެއާޕޯޓްގައި ކުރިއަށްދާ ކަމަށް ބުންޏެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ މާޗް މަހުގެ 5 ގަ އެވެ. ގަން އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ޚަރަދުވާނެ އެވެ.
މަޝްރޫއުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.
ގަން އެއާޕޯޓް މަޝްރޫއު އިފުތިތާހުކޮށް ދެއްވަން ރައީސް އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އިރު، އެ މަނިކުފާނު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ފަހަރުގެ އެ ދަތުރުގައި، އޭރު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް ނިންމަވާލެއްވީ އައްޑޫންނެވެ.
މި ފަހަރު ރައީސް އައްޑު އަށް ވަޑައިގަންނަވާ އިރު، އެ މަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރައްވާ ރިޔާސީ އިންތިހާބު ވެސް އޮތީ ވަރަށް ގާތުގަ އެވެ. އެގޮތުން ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް އެމްޑީޕީން މިހާރު އަންނަނީ މުޅި ރާއްޖޭގައި ކެމްޕޭން ވެސް ކުރަމުންނެވެ.