ޑަބަލްކޮށް ޓެކްސް ނެގުން ހުއްޓާލުމަށް ނުވަތަ ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ރާއްޖެއާއި މެލޭޝިއާއިން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މެލޭޝިއާގެ ފަރާތުން ސޮއިކޮށްފައިވަނީ އެޤައުމުގެ ޑެޕިއުޓީ ފިނޭންސް މިނިސްޓަރ ޑަތުކް ސެރީ އަހުމަދު މަސްލަން އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގައި މިރާގެ ޗެއާޕަސަންގެ މަޤާމު އަދާ ކުރައްވަމުން ގެންދަވާ ފިނޭންސް މިނިސްޓްރީގެ ޗީފް ފިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވާޝް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި މެލޭޝިއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ވިޔަފާރިތަކުން ކުރާ މުޢާމަލާތްތަކުގައި ދެ ޤައުމުން އެއް ކަމަކަށް ޓެކްސް ނެގުން ހުއްޓުވައި، މާލީ ބަޔާންތައް އޮޅުވާލައި އިންކަމް ޓެކްސް އަށް މަކަރު ހެދުން ހުއްޓުވުން ހިމެނެއެވެ. މިގޮތުން ކޮންމެ ޤައުމަކަށް ޓެކްސް ކުރެވޭނެ ހާލަތްތައް ވަކިކޮށް، މުޢާމަލާތެއް ހިނގާއިރު ޓެކްސް ކުރުމުގެ ހައްޤު ލިބޭ ޤައުމުތައް ކަނޑައަޅައި، ޓެކްސް ނިޒާމަށް އޮންނަ އިތުބާރު އިތުރުކުރުމަކީ އެއްބަސްވުުގެ މަޤްސަދެއް ކަމަށް ސަރުކާރުން ބުނެއެވެ.
This Agreement will also strengthen the economic relations between Maldives and Malaysia by contributing towards facilitation of cross-border investments. 2/2
— Ministry of Finance (@MoFmv) May 24, 2023
މީގެ އިތުރުން އެއްބަސްވުމުގެ ދަށުން މެލޭޝިއާއި ރާއްޖޭގެ އިޤްތިޞާދީ ގުޅުން ހަރުދަނާވެ، ދެ ޤައުމުގެ ދޭތެރޭ އޮތް ގުޅުން ތަރައްޤީކޮށް ފައިދާވެގެން ދާނެ ކަމަށްވެސް ސަރުކާރުން ޤަބޫލު ކުރެވެ. އަދި މިއީ ދޭދޭ ޤައުމުތަކުގެ މެދުގައި ވިޔަފާރި ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެއްބައިކަމަށް ސަރުކާރުން ދެކެއެވެ.
މެލޭޝިއާއަކީ ރާއްޖޭއާއި އެކު ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓެއް ހެދި 3 ވަނަ ޤައުމެވެ. މީގެ ކުރިން 2017 ވަނަ އަހަރު ޔޫއޭއީ އާއި އެގްރިމެންޓެއް ހަދައި އަމަލު ކުރަން ފަށާފައިވާއިރު، 2021 ވަނަ އަހަރު ބަންގްލަދޭޝްއާއި އެކު އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުން އޮތީ ތަންފީޒު ކުރުމުގެ މަރުހަލާގައެވެ.