ރައްޔިތުންގެ މަޖިލީހުގެ ޖަްލސާތައް ވަގުތުން ދެއްކުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މެދުކަޑާލައިފިއެވެ.
ޕީއެސްއެމްއިން މަޖްލިސް ދެއްކުން މެދުކަޑާލާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ މަޖްލިސް ދެއްކުން މެދުކަޑާލީ މިފަހަކަށް އައިސް މަޖްލިސް ހޫނުވެ މަޖްލިސްގެ ޖަލްސާ ތަކުގައި ބޭއަދިަބީ ބަހުން ވާހަކަ ދައްކާތީ އެކަން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.
އަލީ ޚާލިދު ވިދާޅުވީ މަޖްލިސް ޖަލްސާ ނުދެއްކި ނަމަވެސް މަޖްލިސް އާއި ގުޅޭ ހާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮންގޮތަކަށް ގެންނަ ޕްރޮގްރާމެއް ކަމަށް އަދި ނުނިންމޭ ކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއިން މަޖްލިސް ދެއްކުން ހުއްޓާލި އިރު ފާއިތުވި ދުވަސްތަކުގައި މަޖްލިސްގެ ޖަލްސާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވެ "ދަ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އޭގެ ތެރޭގައި މަޖްލިސްގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަްއެވެ.
އަދި ޕާޓީ އުފެއްދުމުގެ ފަހަތުގައިވަނީ މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދުކަމަށް ވެފައި މަޖްލިސްގެ ރިޔާސަތުން ނަޝީދު އާއި، އީވާ ޖަލްސާތައް ކުރިއަށް ގެންދާ ގޮތުން ޖަލްސާތައް ދަނީ ހޫނުވަމުންނެވެ.
މަޖިލީހުގެ ޖަލްސާ ތަކުގައި ދައްކާ ވާހަކަތަކާއި ގުޅިގެން މަޖްލިސް ދެއްކުން ޕީއެސްއިން ހުއްޓާލި މިއީ ފުރަތަމަ ފަހަރެވެ.