ރާއްޖޭގެ މަޝްހޫރު ދަތުގެ ޑޮކްޓަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ފޭދޫގައި ވެސް ދަތުގެ ކްލިނިކެއް ހުޅުވަން ނިންމަވައިފި އެވެ.
އޭނާ މިއަދު ވިދާޅުވީ ފޭދޫގައި ކުލިނިކް ހުޅުވާނެ ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އިހަކަށް ދުވަހު ފޭދޫން ތަނެއް ބަލައިފިން. އެކަމަކު އެތަން އަޅުގަނޑު އެހާ ހިތްހަމަނުޖެހޭތީ އެހެން ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން މި އަންނަނީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޑީޑީ ވިދާޅުވި އެވެ. "އިދާރަކުރެއްވިއްޔާ ތަނެއް ހަމަޖެހޭތާ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކްލިނިކް ހުޅުވައި ހިދުމަތް ދޭން ފަށާނަން."
އޭނާ އިތުރަށް ވިދާޅުވީ ފޭދޫގައި ދަތުގެ ކްލިނިކެއް ހުޅުވަން ނިންމެވީ، އައްޑޫގެ އާބާދީގެ ބޮޑު ބަޔަކަށް ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށް ދެއްވުމަށް ކަމަށެވެ.
ޑރ. ޑީޑީ ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު "ޑރ. ޑީޑީ ޑެންޓަލް އެންޑް މެޑިކްލަ ސެންޓަރު" ގެ ނަމުގައި އޭނާގެ އުފަން ރަށް ހުޅުދޫގައި ވެސް ކްލިނިކެއް ހުޅުއްވައިފަ އެވެ.
"އެތަނުން ހިދުމަތް އެބަ ހޯދާ އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ވަރަށް ގިނަ ބަޔަކު ވެސް. އެކަމަކު ދަތުރުފަތުރު ހަމަޖެހިފައި އޮތް ގޮތުން ހިދުމަތް ހޯދަން އެކޮޅަށް [ހުޅުދު] އަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން. އެމްވީކޭ އާ ހަވާލުކޮށްފައި އޮތް އެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ، ދަތުރު ކުރުމަކީ ވަރަށް ބޮޑު ދައްޗެއް،" ތަޖުރިބާކާރު ދަތުގެ ޑޮކްޓަރު ވިދާޅުވި އެވެ. "އެހެންވެ އެކޮޅަށް ނުގޮސް ގުޅިފައިވާ ރަށްރަށުގެ މީހުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމުގެ ބޭނުމުގައި އަޅުގަނޑު ފޭދޫގައި ކްލިނެއް ހުޅުވަން ނިންމީ."
މާލޭގައި ވެސް ކްލިނިކް ހިންގަވާ ޑރ. ޑީޑީ ވިދާޅުވީ އައްޑޫގައި ހުޅުވި އޭނާގެ ފުރަތަމަ ކްލިނިކާ އެކު، އެތަނުން އާސަންދަ ހިދުމަތް ލިބޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް އެކަން ސަރުކާރުން ހަމަޖައްސައި ދީފައި ނުވާތީ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ހުރިކަން ޑރ. ޑީޑީ ފާހަގަ ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އާސަންދައިގެ ހިދުމަތް ހަމަޖައްސައި ނުދެވި ލަސްވަނީ އެ ހިދުމަތް ރި-ސްޓްރަކްޗަ ކުރަމުން ގެންދާތީ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.