Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ބިން ހިއްކާ ޖައްރާފު އައްޑު އަށް ބަނދަރުކޮށްފި

އައްޑޫ ބިން ހިއްކަން އައި ޖައްރާފު ސ. ގަން ބޭރުގައި ބަނދަރުކޮށްފައި / ފޮޓޯ: ވެން އޫޑް

އައްޑޫގެ ބިން ހިއްކުމަށް ބޭނުންކުރާ ވެން އޫޑްގެ ޖައްރާފު އައްޑޫސިޓީގައި ބަނދަރުކޮށްފިއެވެ.

އައްޑޫއަށް މި ބޯޓު މީގެ ކުރިން އަންނާނެ ކަމަށް ލަފާކޮށްފައިވަނީ ޖޫން މަހުގެ ކުރީކޮޅު ނަމަވެސް، ބޯޓު މިވަނީ ލަފާކުރި ތަރީހަށްވުރެ އަވަހަށް އައިސްފައެވެ. އެޗް.އޭ.އެމް 318 ހޮޕަރ މިއަދު އައިސްފައިވާއިރު މިމަސައްކަތް ފެށުމަށް މިއަދު ޓްރެއިލް ޑްރެޖިންގް އެއް ހިތަދޫއިން ހިއްކަން ހަމަޖެހިފައިވާ 2 ވަނަ ޒޯނުގައި ކުރިއަށް ދާނެއެވެ. މިމަސައްކަތް ފެށުމުގެ ކުރިން 4 ވަރަކަށް ޓްރައިލް ޖައްސާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އޭގެ ފަހުން މި ހަފްތާގެ ފަހުކޮޅަށް ރަސްމީކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ބޯޓު އަންނަންވާއިރު މިހާރު ބިން ހިއްކަން ވެލި ނަގާ ސަރަހައްދުން ފެށިން ހިއްކާ ސަރަހައްދުތަކަށް ހޮޅި އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ޕައިޕްލައިން މަސައްކަތް ނިމި ބިން ހިއްކުމުގެ މަސައްކަތް ފެށުމާއިއެކު ހިއްކުމުގެ މަސައްކަތް މާ ގިނަ ދުވަސްތަކެއް ނުނަގާ ނިމޭނެ ކަމަށް މީގެ ކުރީން ހައުސިންގް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އައްޑޫ ބިން ހިއްކަން ވެލި ނަގާ ސަރަހައްދު —

ބިން ހިއްކުމަށް އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުން ވެލި ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުތައް ކަނޑައަޅާފައިވަނީ އީއައިއޭ ހެދުމަށް ފަހުއެވެ. އަދި ވެލި ނަގާއިރު ސިލްޓުވުން ނުވަތަ ކިސަޑުވުން ކުޑަ ކުރުމަށް ވީހާވެސް ބޮޑަށް މަސައްކަތް ކުރެވޭނެ ކަމަށް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ވެން އޫޑް ކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ.

ހިތަދޫއިން 90 ހެކްޓަރު ބިން ހިއްކާއިރު، މަރަދޫ އަދި މަރަދޫ-ފޭދޫ އެއްކޮށް 76 ހެކްޓަރު ހިއްކާނެއެވެ. މީގެ އިތުރުން އައްޑޫގެ އެތެރެވަރީގައި ޖުމްލަ 3 ރިސޯޓު ތަރައްޤީ ކުރަން 3 ރަށެއް ހިއްކައެވެ. ޖުމްލަ 8.3 ހެކްޓަރު މިއިން ކޮންމެ ރަށެއްގައި ހުންނައިރު، މި ރަށްތަކުގެ އިތުރުން 3.3 ހެކްޓަރު ލިންކް ރޯޑުގެ ކަނެކްޓްވިޓީ ބްރިޖް ހެދުމަށް ހިއްކާނެއެވެ.

އައްޑޫގެ ބިން ހިއްކަން ހަމެޖެހިފައިވާ ސަރަހައްދު —

މިއީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ބޭނުންވާނެ ބިން އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ބިން ބޯ ހިޔާވަހިކަން ދިނުމަށާއި، ޔޫޓިލިޓީ ޙިދުމަތްތައް ރިލޯކޭޓް ކުރުމަށް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.