އައްޑޫ ސިޓީ ހިތަދޫގައި ބިން ހިއްކަން ހަމަޖެހިފައިވާ ދެ ޒޯނުގެ ތެރެއިން ޒޯން 1 ގެ އުތުރަށް އޮތް ސަރަހައްދުން ކައުންސިލުން އެދިގެން އެއްކޮށް ނުހިއްކާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހިތަދޫގެ ބިން ހިއްކާ ސަރަހައްދުން ބައެއް "ކާލައިފި" ކަމަށް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންގެ ހިޔާލު ނުހޯދައި 20 ހެކްޓަރު ބިން ހިއްކާ ސަރަހައްދުން އަމިއްލަ ފައިދާއަށް ގެއްލުވާލީ ކަމަށްވެސް ވާހަކަ ދެކެވެއެވެ.
މިވާހަކަތަކާއި ގުޅިގެން "އައްޑޫ ލައިވް" އާއި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވީ، ހިތަދޫ ސިޓީ ސްކުއެއަރ ދިމާލުން އުތުރަށް މީގެ ކުރިން ހިއްކަން ކަނޑައެޅި ސަރަހްދުގެ ތެރެއިން 10 ހެކްޓަރު އައްޑޫސިޓީ ކައުންސިލުގެ އެދުމަކަށް އެއްކޮށް ހިއްކާ ނުލާގޮތަށް ނިންމާފައި ވާކަމަށެވެ. ނަމަވެސް އެތަނަށް ވެލި ނާޅާ ދޫކުރުމުގެ ބަދަލުގައި އެ ސަރަހައްދު މީހުންނަށް މޫދަށް އެރެވޭ ގޮތަށް ބީޗެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ސިޓީ ސްކޮޔަރ ކުރިމަތި ހިއްކަން އައްޑޫސިޓީ ކައުންސިލުގެ ވިސްނުމެއް ނެތް ކަމަށެވެ.
" އަޅުގަނޑުމެންގެ ވިސްނުން ހުރީ ފްލޯޓިން ޕާކެއް ގެނެސް [ތަރައްޤީ ކުރަން]. އެތަނުން ކޮންމެވެސް ވަރަކަށް އުނިވާއިރު ހަމަ އަނެއްކޮޅުން އެބައި ހަމަޖެހޭނެ ނޫންތޯ. " ނިޒާރު ވިދާޅުވިއެވެ.
ހިތަދޫ ބިން ހިއްކަން ކަނޑައަޅާފައި ވަނީ ދެ ޒޯނަކަށް ބަހާލައިގެން 90 ހެކްޓަރެވެ. ނަމަވެސް މިތަނުން 10 ހެކްޓަރުގެ ސަރަހައްދަކީ މިކަމުގެ ސަބަބުން ބިމުގެ ބޭނުމަށް ބޭނުން ނުކުރެވޭނެ ސަރަހައްދެވެ. އެހެން ކަމުން ހިއްކައި ނިމޭއިރު ހިތަދޫއިން ޖުމްލަ ހިއްކައި ބިމުގެ ގޮތުގައި ބޭނުން ކުރެވޭނީ 80 ހެކްޓަރުގެ ސަރަހައްދެކެވެ.