Last Updated: September 6, 23:52
Friday, September 6, 2024
ދުނިޔެ

ތުރުކީގެ އިންތިހާބު އުރުދުގާން ކާމިޔާބުކޮށްފި

ތުރުކީގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް މިހާރުގެ ރައީސް ތައްޔިބް އުރުދުގާން އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 97 ޕަސެންޓް ވޯޓު ފޮށި ގުނާ ނިމުނުއިރު 52.1 ޕަސެންޓް ވޯޓުން އުރުދުގާން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އުރުދުގާންއާ ވާދަކުރެއްވި އިދިކޮޅު ކެމާލް ކިލިޗްދަރޯލޫއަށް ލިބިފައިވަނީ 47.9 ޕަސެންޓް ވޯޓެވެ.

ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ނުކުރި ނަމަވެސް އުރުދުގާން ވަނީ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކާމިޔާބީ އިއުލާން ކުރައްވާފަ އެވެ. އެގޮތުން މި އިންތިހާބަކީ ތުރުކީގެ 85 މިލިއަން ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށް އުރުދުގާން ވިދާޅުވި އެވެ.

ތުރުކީގެ އިންތިހާބު އުރުދުގާން ކާމިޔާބު ކުރެއްވުމުން އިސްލާމީ ގައުމުތަކުގެ ވެރިން އަންނަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

ތުރުކީގެ ބޮޑުވަޒީރުކަން 2003 ވަނަ އަހަރުން ފެށިގެން 2014 އަށް ކުރެއްވުމަށް ފަހު އުރުދުގާން ވަނީ ތުރުކީގެ ރައީސްކަމާ އެ އަހަރު ހަވާލުވެވަޑައިގެންފަ އެވެ. އުރުދުގާން އަކީ އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ލީޑަރަކެވެ.