އައްޑޫގައި އަލުން އަންނަ މަހުގެ ތެރޭގައި "ދަމަނަވެށި" ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ "ދަމަނަވެށި" ހިންގަން ހަމަޖެހިފައި ވަނީ މަރަދޫފޭދޫ ސްކޫލްގެ އިދާރީ ބައި ކުރިން ހިންގި އިމާރާތުގައި ކަމަށެވެ. އެހެންވެ އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނަ ވިދާޅުވި އެވެ.
"އަންނަ މަހުގެ ތެރޭގައި ދަމަނަވެށި އައްޑޫގައި ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދޭ. އެކަމަކު އެތަން ހުޅުވާނެ ސީދާ ތާރީހެއް އަދި ނުނިންމާ." ޝަތުފާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ދަމަނަވެއްޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އެތަނަށް ގާތްގަނޑަކަށް ވިއްސަކަށް މުވައްޒަފުން ނަގާނެ އެވެ.
ދަމަނަވެއްޓެއް ޤާއިމުކުރުމަށް ނިންމާފައިވާތީ، އައްޑޫގައި ޤާއިމްކުރާ ދަމަނަވެށި ކުރީގެ މަރަދޫފޭދޫ ސްކޫލް ހިންގަމުން އައި އިމާރާތުގައި ޤާއިމު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވޭ. 2/3 pic.twitter.com/jUVA6jmeww
— Addu City Council (@AdduCityCouncil) May 2, 2023
"އެކަމާ ގުޅޭ އޮނިގަނޑުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ. އެހެންވީމާ ވަރަށް އަވަހަށް މުވައްޒަފުން ހޯދަން އިއުލާން ކުރާނެ." ޝަތުފާ ވިދާޅުވި އެވެ.
އައްޑޫގައި އަލުން "ދަމަނަވެށި" ހުޅުވަން ނިންމީ ކުރިން މަރަދޫފޭދޫ ލިންކް ރޯޑްގައި ހިންގަމުން އައި "ދަމަނަވެށި" 2021 ގައި ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު (އެސްސީޑީސީ) އަށް ބަދަލުކުރި ފަހުން، އައްޑޫގެ ޕަބްލިކް ހެލްތުގެ ހިދުމަތްތައް "އޮޅުންބޮޅުންގަނޑެއް" ގެ ތެރޭގައި ވަނިކޮށެވެ.
އެގޮތުން އަލުން "ދަމަނަވެށި" ހުޅުވަން ތައްޔާރުވާން ފަށާފައި މި ވަނީ މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ޓީމެއް މި މަހުގެ ކުރީކޮޅު އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާކޮށްފައި ވަނިކޮށެވެ. އަލުން "ދަމަނަވެށި" އައްޑޫގައި ހުޅުވާ އިރު، އެތަނުން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތަކާއި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ދެމުން އަންނަ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.