ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޗަންގެ ފިރިހެން ދަރިފުޅު ޖޭސީ ޗަން މަސްތުވާތަކެއްޗާ އެކު ޗައިނާ އިން ހައްޔަރުކޮށްފި އެވެ.
"ޝަންހާއީ ނޫން" އާއި "ކަރާޓޭ ކިޑްސް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެކީ ޗަންގެ ދަރިފުޅު ޖޭސީ، 32، ޗައިނާގެ ބެއިޖިން އިން ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އޭނާއަކީ އެކްޓަރެއްގެ އިތުރުން މިއުޒިކް ކޮމްޕޯޒްކޮށް ލަވަ ކިޔައި، ލަވަ ހަދައި އަދި ގިޓާ ވެސް ކުޅޭ ފަންނާނެކެވެ. ޖޭސީގެ ފުރަތަމަ ފިލްމަކީ "ޓްވިންސް އިފެކްޓް 2" އެވެ.
އޭގެ އިތުރުން ބައްޕަ އާ އެކު އޭނާ ވަނީ ދެ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ "ލިޓްލް ބިގް ސޯލްޖާ" އާއި ޖެކީ ޗަންގެ 100 ވަނަ ފިލްމް "1911" އެވެ.
ޗައިނާގެ މަޝްހޫރު ނޫސް އެޖެންސީ ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޭސީ އާ އެކު ޓައިވާންގެ މަޝްހޫރު ފިލްމީ ތަރި ކޯ ޗެން ޓަންގް (ކައި ކޯ) އާއި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ހައްޔަރު ކުރި ތިން ވަނަ މީހާއަކީ ޖޭސީ އާއި ކައި ކޯ އަށް މަރުޖުއާނާ ވިއްކި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެއީ 33 އަހަރުގެ މީހެކެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓެސްޓް ކުރި އިރު، ތިން މީހުން ވެސް މެރިޖުއާނާ އަށް ޕޮޒިޓްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޗަން ދިރިއުޅޭ ގެއިން މަރުޖުއާނާ ކަމަށް ބެލެވޭ 100 ގްރާމް ވެސް ފެނިފައިވެ އެވެ.
އަދި ހަމަ މިއާ އެކު ޖޭސީ އާއި ކައި ކޯ ވަނީ މަރުޖުއާނާ ބޭނުން ކުރި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެސް ވެފަ އެވެ.
ކައި ކޯއަކީ "ޔޫ އާ އެޕަލް އޮފް މައި އައި" ގެ އެކްޓަރެވެ.
އެ ފިލްމް ކުޅެގެން އޭނާ ވަނީ މިދިޔަ އަހަރު 12 ވަނަ ޗައިނީސް ފިލްމް މީޑިއާ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.