މާލޭގައި މިހާރު ވަރަށް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދާ "އެސްއެމްއީ ހަބް" ގެ ވިޔަފާރި އައްޑު އަށް ވެސް ގެންދާނެ ކަމަށް ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެ ސެންޓަރުން ބުނި ގޮތުގައި އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެސްއެމްއީ ހަބް ތައާފުކުރިން ކަމަށެވެ.
ބީސީސީގެ ޑިރެކްޓަ އޮތެންޓިކް މޯލްޑިވްސް މުޙައްމަދު ޖައުޝަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އުތުރާއި ދެކުނުގައި އެސްއެމްއީ ހަބެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ އެ ސަރަޙައްދުތަކުގައި ހިންގާ ކުދި ވިޔަފާރިތަކަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައިދީ އެ މީހުންގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުމެވެ.
“އެސްއެމްއީ ހަބް މިއީ ރާއްޖެ އަށް ވަރަށް އާ ކޮންސެޕްޓެއްވީމަ މިތަނުން ލިބޭ ތަރުހީބަށް ބަލާފައި އަޅުގަނޑުމެން މި މަޝްވަރާކުރެވެމުންދަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި. ކުޅުދުއްފުއްޓާއި އައްޑޫސިޓީގައި ވެސް އެސްއެމްއީ ހަބެއް ހުޅުވުމުގެ ވާހަކަދެކެވެމުން މި އަންނަނ،" ޖައުޝަން ވިދާޅުވި އެވެ. "ވަރަށް އަވަހަށް ކޮންސެޕްޓް ނިމި އޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ."
އޭނަ ވިދާޅުވި ގޮތުގައި އުތުރާއި ދެކުނު ހުޅުވާ އެސްއެމްއީ ހަބްތައް ވެސް ހުންނާނީ މާލެއާ ދާދި އެއްގޮތަކަށެވެ.
މާލޭގައި އެސްއެމްއީ ހަބް ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގަ އެވެ.
އެ ތަނުގައި ތަފާތު ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ފަހިކޮށްދީފައިވެ އެވެ. އެގޮތުން ކެފޭ އާއި ގަހާއި، ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކާ ތަނަކާއި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަ ބަޔަކާއި ޒަމާނީ ފެންވަރަށް ތަރައްޤިކޮށްފައިވާ 19 ކިއޮސްކް ހުރިއިރު، އެ ތަންތަނުގައި ދިވެހި ވިޔަފާރިވެރިތައް އަންނަނީ ވަރަށް ރަނގަޅަށް ހިންގަމުންނެވެ.