ބިން ހިއްކުމުގެ މަޝްރޫޢުގެ ޓްރައިލް ޑްރެޖިން މަސައްކަތް ނިންމާލާފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ޕްލޭނިންގް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހިތަދޫ ޒޯން 2 ގައި ޓްރެއިލް ލޯޑު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫއިން ބިން ހިއްކަން ކަނޑައެޅިފައިވާ ސަރަހައްދުން ކަމަށް ވަނީ ހާމަކޮށްފައެވެ.
މީގޮތުން ބިން ހިއްކާ ސަރަހައްދު ވަކިކޮށް ބަންޑް ވޯލް ޖެހުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަން މިނިސްޓްރީން ހާމަކުރެއެވެ. މަރަދޫ އަދި މަރަދޫ-ފޭދޫ ހުޅަނގުން 76 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރުޢޫގެ ދަށުން ހިތަދޫ 2 ޒޯނަކަށް ބަހައިގެން ހިއްކާއިރު، އެ ދެ ޒޯންގެވެސް ބަންޑް ވޯލް މަސައްކަތް ބާރަށް ކުރިއަށްދާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހިއްކަން ހަމަޖެހިފައިވާ 8.3 ހެކްޓަރުގެ 3 ރިސޯޓުގެ ތެރެއިން 2 ރިސޯޓުގެ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ނިމިފައިވާއިރު، 3 ވަނަ ރިސޯޓުގެ ބަންޑް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ސަރުކާރުން ހާމަކުރެއެވެ.

މީގެ އިތުރުން ބްރިޖް މަސައްކަތަށް ހަންކެޑެ ސަރަހައްދުން ހަންކެޑެގެ ރައްކަލަކަށް ހަދާ ލޭންޑް އެމްބާކްމެންޓުގެ މަސައްކަތުގެ ވެސް ބޮޑުބައި ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ލިންކް ރޯޑުގެ 4 ލޭން ކަނެކްޓްވިޓީ ބްރިޖް 2 ފަޅިން ބްރިޖެއް ގޮތަށް އޮއި ދެމޭ ގޮތަށް އޮންނައިރު މެދުން ދެ ފަޅި ގުޅާލާނީ ހިއްކައި ހިލަޖައްސާފައިވާ ލޭންޑް އެމްބާކްމެންޓަކާއިއެވެ.
މި މަސައްކަތްތައް ކުރަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނިޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ. އަދި، ބިން އިތުރުކުރެވޭ ސަރަޙައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
އައްޑޫ ބިން ހިއްކުން މަރަދޫކޮޅުން ފަށާއިރު ހިއްކުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަޑައިގެން އިފްތިތާހް ކޮށްދޭން ވަނީ ހަމަޖެހިފައެވެ.