Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

ގާސިމް އުޅުއްވަނީ އަމިއްލަ އެދުމުގައި: އަދުރޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް އުޅުއްވަނީ އަމިއްލަ އެދުމުގައި ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ބަހުގެ ހޫނު ހަމަލާތަކެއް ގާސިމަށް އަމާޒުކުރައްވައިފި އެވެ.

އަދުރޭގެ ބަހުގެ ހަމަލާތައް ގާސިމަށް އަމާޒުކުރެއްވީ ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ގާސިމް ގޮވާލުމާ ގުޅިގެންނެވެ.

ރޭ ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ކަނޑު ވިއްކާލި މައްސަލައިގައި ގޯސް ހެދީ ކޮން ބައެއް ކަމާއި އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް ހުކުރު ދުވަހު އެނގޭނެ ކަމަށާއި އެ އެއްވުމަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކީ ވެސް މި ޖަރީމާގައި ބައިވެރިވި ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން އުޅޭއިރު އެކަމާ ދެކޮޅަށް އަޑުއުފުލަން ބަޔަކު ނިކުތުމުން އެތަނަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ލީޑަރަކު ރައްޔިތުންގެ ވޯޓަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"ހަމަ އަނގަފުޅާކޮށްފައި ވިދާޅުވާންވީތޯ މި އުޅެނީ ގައުމުގެ ހައްގުގައޭ؟ ގައުމުގެ ހައްގުގައެއް ނޫން އެ އުޅެނީ. އަމިއްލަ ނަފްސުގެ ހައްގުގައި އެ އުޅެނީ. އަމިއްލަ ވިޔަފާރީގެ ހައްގުގައި އެ އުޅެނީ. އަމިއްލަ އެދުމުގައި." ގާސިމަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ލީޑަރުންނަކީ ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބައެއް ކަމަށާއި ގައުމުގެ ހައްގުގައި ނިކުންނަވާ ލީޑަރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެގޮތުން އިދިކޮޅުން ބާއްވާ އެއްވުމުގައި ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަށާއި ނަމަވެސް އެ އެއްވުމުގައި ބައިވެރިނުވެ އަދި އެއްވުމުގައި ބައިވެރިނުވާން ގޮވާލާ ލީޑަރުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އުޅުއްވުމުގެ ބޭނުމެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަމިއްލަ ވިޔަފާރީގައި ކުރިއަށް ވަޑައިގަންނަވާށޭ. އަނެއްކާވެސް ހަތަރު ފަޅާއި ފަސް ފަޅު ރަށް ހޯއްދެވޭތޯ ބައްލަވާށޭ." އަދުރޭ ވިދާޅުވި އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅަށް ކޯލިޝަނެއް އުފައްދާފައިވާއިރު އެ ކޯލިޝަނުގައި ޖޭޕީ ވެސް ތަމްސީލުކުރެ އެވެ. އެގޮތުން އެ ކޯލިޝަނުގައި ޖޭޕީ ތަމްސީލުކުރައްވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ. އެ ކޯލިޝަނުގައި ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.