Last Updated: December 22, 10:04
Sunday, December 22, 2024
ޚަބަރު

މާދަމާ އަކީ އައްޑު އަށް އަންނަ ބޮޑު އީދެއް

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާދަމާ އަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އަންނަ ބޮޑު އީދެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މި ދަތުރުފުޅުގައި އައްޑޫގެ ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ޓޫރިޒަމާއި ގުޅޭ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާނެ އެވެ.

ޝަރީފް ވިދާޅުވީ މާދަމާ އަކީ އައްޑޫ ރައްޔިތުންނަށް އަންނަ ބޮޑު އީދެއް ކަމަށާއި ރައްޔިތުން އުފަލުން ފޮޅޭނެ ކަމަށެވެ. އެގޮތުން މާދަމާ އަކީ ރައްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުމެއް އައުމުގެ ފުރަތަމަ މަރުހަލާ ރައީސް ސޯލިހު ރަސްމީކޮށް ފައްޓަވާ ދުވަސް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެހެން ޒުވާނުންނެކޭ އެއްގޮތަށް ބޯހިޔާވަހިކަން އައްޑޫ ޒުވާނުންވެސް ބޭނުންވާ ކަމަށާއި އަދި އައްޑޫގައި ފެެށިގެންދާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ޒުވާނުންނަށް ބިންވެރިވުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި ފަޅު ރަށްތައް ހިއްކާ ރިސޯޓްތައް ހެދުމުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން މި ސަރުކާރުން ފަށާ މަޝްރޫއުތައް ނިމި ހިނގައިގަންނަން ފެށުމުން އައްޑު ރައްޔިތުންނަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓާއި ސީޕޯޓް ރަނގަޅަށް ހިންގައިގަނެ، މުޅި ދެކުނުގެ އިގުތިސާދީ ހަބަކަށް ބަދަލު ވެގެންދާނެ." ޝަރީފް ވިދާޅުވި އެވެ.

ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގަ އެވެ. އަދި ރައީސްގެ ޕްރައިމަރީ ކެމްޕޭން ޖަލްސާ ވެސް ވަރަށް ކުލަގަދަކޮށް ބޭއްވީ އައްޑޫގަ އެވެ.