ގައުމު ދިފާއުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރަން މަތިކޮށްފައި ތިބޭ މީހުންނަށް މަސްއޫލިއްޔަތު އަދާނުކުރެވޭނެ އޮތް ގޮތަކޫ ގެއަށް ކަނޑާލުން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑު ވިއްކައިލި ނަމަ ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލާ އިއްތިހާދުން "ބާނާ ބާ ތިއްބާ އެ ވިއްކާލީ ކަނޑު" ގެ ނަމުގައި ރޭ މާލޭގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވޑައިގެން ތިއްބެވި ބޭފުޅުންނަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ މަގާމުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ކަން ނުކުރެވޭ ނަމަ ޖެހޭނީ ގެއަށް ކަނޑާލަން. ގެއަށް ވަޑައިނުގަނެ އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިވަޑައިގަންނަން ތިބޭ ކަމަށްވާ ނަމަ، ރައްޔިތުން މި ބޭފުޅުން ބާލާނެ،" މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ މުނައްވަރު ވިދާޅުވި އެވެ. "އެއްވެސް ގައުމެއްގެ ލަޝްކަރަކަށް ދިވެހި ރައްޔިތުންގެ ކިބައިން އެ ބޭފުޅުން ސަލާމަތެއް ނުކުރެވޭނެ."
އޭނަ ވިދާޅުވީ ދިވެހި ކަނޑުން ބައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްލުމުން ރައްޔިތުން ތިބީ އެކަމށާ ރުހިގެން ނޫން ކަމަށެވެ. އެހެންވެ ގެއްލުނު ބައި އަނބުރާ ނުހޯއްދެވޭ ނަމަ ރައީސް ގެއަށް ވަޑައިގަތުމަށް ގޮވާލެއްވި އެވެ.
"ސަރުކާރުން ބުނަނީ ދެން ކުރެވޭނެ ކަމެއް ނެތޭ. އެއީ ޖެއްސުމަށް ވިދާޅުވާ އެއްޗެއްތޯ؟ އެއީ ކުށްހީއެއް. ދިވެހިން ކުރާނެ ކަންތައްތައް ވަރަށް ގިނަ،" މުނައްވަރު ވިދާޅުވި އެވެ. "ސަރުކާރުން މި ޑިމާންޑް ކުރަނީ ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށް."