އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މޫދަށް އެރި، ހިތް އުފާކޮށްލަން ގޮސް އުޅޭ ގޮނޑުދޮށްތައް، ޕްލާސްޓިކްގެ އުފެއްދުންތަކުން ތަޣައްޔަރުވިޔަ ނުދިނުމަކީ އަޒުމަކަށް ހަދަންޖެހޭ ކަމަށާއި ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްކަނޑުތަކާއި ފަޅުތަކާއި ފަރުތައް، ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މިކަންކަން ކުރެވޭނީ ދިރިއުޅުމުގެ އެންމެހައި އާދަތައް، ތިމާވެށްޓާ ރަޙުމަތްތެރި ގޮތްތަކަށް ބަދަލުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއަކީވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނާ މީހެއްކަމަށް ވެގެންނެވެ. ވަކިން ޚާއްޞަކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލައިގެންނެވެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ތިމާވެށްޓާއި ޤުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން ގެއްލުން ލިބެމުން އަންނަ ކަމަށެވެ. މިގޮތުން ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ލިބެމުންދާ ކަމަށާއި އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އޮތް ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެންނެވެ." ރައީސް ވިދާޅުވި އެވެ.