Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އަމާޒަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ގައުމަކަށް ރާއްޖެ ހެދުން

ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް ތެލަށް ބަރޯސާނުވެ އިއާދަކުރަނިވި ހަކަތައިން ތިމާވެއްާ ރަށްޓެހި ގޮތްގޮތަށް ހަކަތަ އުފައްދާ ބޭނުން ކުރާ ގައުމަކަށް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ. އެގޮތުން 2030 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ނެޓްޒީރޯ ޤައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިގޮތުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމްތައް ޤާއިމްކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެމިންވަރަށް އެކަން ހިނގުމުން ވެސް ، ކަރަންޓް އުފެއްދުމުގައި 17 މިލިއަންލީޓަރުގެ ޑީސަލް އަދި 270 މިލިޔަންރުފިޔާ ސަލާމަތްކުރެވޭ ކަމަށާއި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކަށްވެސް ބައްލަވާލައްވާފަ އެވެ. މިގޮތުން ކުނީގެ މައްސަލަ އާއި، ސިންގަލް ޔޫސް ޕްލާސްޓިކްގެ މައްސަލަ އާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ބަދަލުކުރުން ކަމަށެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒްކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާއި ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރަންޖެހިފައި އޮތް ކަމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުން ކަމަށެވެ.

މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީން ފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރު އެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.