އައްޑޫގައި ޖަހާފައި އިން އެންޓަނާއެެއްގެ ސަބަބުން ބަޔަކަށް ބޮޑު ގެއްލުމެއް ވެދާނެކަމުގެ ބިރާ ގުޅިގެން އެ އެންޓެނާގެ ވެރި ފަދާތް ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
މި އެންޓަނާ އަކީ ހިތަދޫ އާރޭފް ސަރަހައްދުގައި ހުންނަ ފެނަކަ އިންޖީނުގެ ކުރިމަތިން އޮތް ހިއްކުމުގައި ޖަހާފައިވާ އެންޓަނާއެކެވެ. އައްޑޫ މަގު ހަދާ އިންޑިއާގެ ކުންފުނި، އެފްކޮންސް ސައިޓެއްގެ ގޮތުގައި ވެސް ބޭނުންކުރާ މި ސަރަހައްދުގައި ހުރި މި އެންޓަނާއާ ބެހޭ ގޮތުން ކައުންސިލުން ބުނީ އޭގެ ލަނބުރާންތައް ސާފުނުކުރެވި، މެއިންޓަނަންސް ނުކުރެވި ގިނަދުވަސްވެފައި ވުމުގެ ސަބަބުން، ބައެއް ލަނބުރާންތައް ކެނޑިފައިވުމާއެކު، އެންޓަނާ ވެއްޓިއްޖެ ނަމަ ބަޔަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ.
އެ އެންޓެނާ ނެގުމަށް އޭގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މަސައްކަތުން އެކަން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ އެންޓަނާގެ ވެރިފަރާތެއް ވާ ނަމަ ދުވަހުގެ ތެރޭގައި ކައުންސިލްގެ ނަމްބަރު 6885753 އަށް ގުޅައި ނުވަތަ މި މެއިލް hithadhoo@adducity.gov.mv މެދުވެރިކޮށް އަންގައި ދިނުމަށް ކައުންސިލުން އެދިފައިވެ އެވެ.
އަދ އެ މުއްދަތުގެ ތެރޭގައި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބިއްޖެ ނަމަ "އާންމު ތަންތަނާށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާ ބެހޭ ގަވައިދު" ގައި ވާގޮތުގެ މަތިން، ޢާންމު ފަރުދުންގެ ނަފުސަށާއި، މުދަލާއި، ތަކެއްޗަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެންޓަނާ ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ބުންޏެވެ.
މި އެންޓަނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތެއް ކުރަން ކަމަށް ބުނެ 2010 ގައި ޖެހި އެންޓެނާއެކެވެ. އެ އެންޓަނާ ޖެހީ އޭރުގެ ސަދަން ޔުޓިލިޓީސް (އެސްޔޫއެލް) އާއި އެންވަރަމަންޓް މިނިސްޓްރީންނެވެ.
އެ އެންޓަނާ ޖަހަން އޭރު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.