ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ސޮއި ހޯދަން ވަނީ ފަށާފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ޝިޔާމް ވިދާޅުވީ މަޖިލީހަކީ ސަރުކާރުން ބޭނުންހާކަމެއް ކުރަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ މައިގަނޑު މަސްއޫލިޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ.
Rayyithun Majleehuge Raees kamun Raees @MohamedNasheed vakikuranjehey evves sababeh neiy. Majleehakee sarukaarun beynunhaa kameh kuran onna thanehnoon. Majleehuge maigandu masuooliyyathakee sarukaaru javaabdhaaree kuruvun.
— Ahmed Shiyam (@Shiyamaldives) June 6, 2023
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މިއަދުގެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވިއިރު އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.