ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނާ އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ. ރައީސް ނަޝީދު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވައެވެ.
މިމައްސަލައިގައި ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 މެންބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.