އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ އެމްވީކޭގެ އެގްރިމަންޓް ބާތިލް ކުރުން މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށާއި އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަކާލާތު ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެމްވީކޭގެ މައްސަލާގައި ކައުންސިލް އަންނަ ބުދަ ދުވަހު މަޖިލީހުގެ ސަރުކާރު ޒިންމާދާރު ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ކޮމިޓީ އަށް ވަޑައިގަންނަވާ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ 2009 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްވީކޭ އާ ހިދުމަތް ހަވާލު ކުރި ފަހުން، މިހާތަނަށް ދަތުރުފަތުރުގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބިފައި ނުވާ ކަމަށެވެ.
އެމްވީކޭ އާ ހިދުމަތް ހަވާލު ކުރީ އައްޑު އާއި ފުވައްމުލަކަށް ފެރީ އާއި ބަހުގެ ހިދުމަތް ދިނުމަށެވެ.
އެކަމަކު ފާއިތުވި މުއްދަތުގެ ތެރޭގައި ފެނިފައި ވަނީ އެ ކުންފުނި "ފެއިލްވެފައިވާ" މަންޒަރު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި އެއީ ވެސް އެ ކުންފުންޏަށް ދީފައިވާ "ބޮޑެތި ސަބްސިޑީތަކާ އެކު" ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.
އެމްވީކޭ އާ ދަތުރުފަތުރުގެ ހިދުމަތް ހަވާލު ކުރީ ގަމުގެ ދޫގަސް 50 އަހަރަށް ސަބްސިޑީއެއްގެ ގޮތުގައި ދީފަ އެވެ.
"ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް އެކަށީގެންވާ ގޮތަކަށް ހިދުމަތް ދެވުނު ތަނެއް ފެންނާކަށް ނެތް. މީގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައި،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މިހާރު މިއޮތީ އެމްވީކޭގެ އެގްރިމަންޓް ބާތިލްކޮށް، މި ހިދުމަތް އެހެން ފަރާތަކާ ހަވާލު ކުރަން ޖެހޭ ވަގުތު އައިސްފައި. އަޅުގަނޑުމެން އުންމީދު ކުރަން މަޖިލީހުގެ ތެރެއިން މިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް."
ކައުންސިލުން 2012 ގައި ވެސް ވަނީ އެމްވީކޭގެ އެގްރިމަންޓް ބާތިލްކޮށް ދިނުމަށް އޭރުގެ ޓްރާސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް އެ ކުންފުންޏަށް ހިދުމަތް ނުދެވި، ތަކުރާރުކޮށް މައްސަލަތައް ފެންމަތިވަމުންދާ އިރު ވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އެ ކުންފުންޏާ ދޭތެެރޭ އެޅިފައި ނުވާކަން ކައުންސިލުން ފާހަގަ ކުރި އެވެ.