އައްޑޫގެ މަގު މަރާމާތު ކުރުމަށް ބޭނުންވާ ފައިސާގެ މައްސަލަ ހައްލު ކުރުމަށް ހައުސިން މިނިސްޓަރާއި ބައްދަލު ކުރުމުންވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ވިދާޅުވީ މިދިޔަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ބަޖެޓް ހެދި އިރު، މަގު މަރާމާތު ކުރުމަށް 10 މިލިއަން ރުފިޔާ ހިމެނި ކަމަށެވެ. ނަމަވެސް ބަޖެޓް ދިރާސާ ކުރުމުގެ މަރްހަލާގައި އެފައިސާ ކައުންސިލް ބަޖެޓުން އުނިކޮށް ހައުސިން މިނިސްޓްރީގެ ބަޖެޓްގެ ތެރެއަށް ހިމަނާފައި ވާ ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލުން މިދިޔަ އަހަރު ބެޖެޓް ހެދި އިރު މަގު މަރާމާތު ކުރަން ބޭނުންވާ ފައިސާ ހިމެނުމުން ބަޖެޓް ދިރާސާ ކުރި ކޮމެޓީ މަރުހަލާގައި އެފައިސާ ވަނީ އުނިކޮށްފައި، މިހާރު މިއުޅެނީ ރޯޑް ކޯޕަރޭޝަނަށް ފައިސާ ނުދެއްކިގެން. އެބޭފުޅުން ފައިސާ ހޯދުމަށް އެދެމުން ދަނީ"
ސޯބެ ވިދާޅުވީ، ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރޯޑް ކޯޕަރޭޝަންގެ މެނެޖިން ޑިރެކްތަރ އިބްރާހިމް ނަޒީމް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ބައްދަލު ވުން ނިމިގެން ދިޔަ އިރުވެސް ހައުސިން މިނިސްޓްރީން އެފައިސާ ކައުންސިލަށް ދޫކުރުމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ.
"އިއްޔެ ހައުސިން މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުން ނަތީޖާއެއް ހާސިލެއް ނުވި، މުޅި ބައްދަލުވުމުގައި ވެސް ދެއްކީ މަގު ހެދުން އެއީ ހައުސިން މިނިސްޓްރީ އާއި ހަވާލުވެފައިވާ މަސައްކަތެއް ނޫންކަމަށް. އެކަމަކު އައްޑޫގެ މަގު ހެދުމަށް ބޭނުންވާ ފައިސާ ވަނީ ހައުސިން މިނިސްޓަރީއަށް ދީފައި"
ސޯބެ ވިދާޅުވީ އައްޑޫގެ މަގު މަރާމާތުކޮށްގެން ރޯޑް ކޯޕަރޭޝަނަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް ބިލް ހުށަހަޅާފައިވާ ކަމަށެވެ.