Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ސާފު ކުރުމުގެ ހަރަކާތެއް ރާވަން އާބަންކޯގެ ޗެލެންޖެއް ސްޓެލްކޯއަށް

ހުޅުމާލެ ސާފު ކުރުމުގެ ތެރެއިން / ފޮޓޯ: އާބަންކޯ

އާބަންކޯގެ ދުނިޔެ މަގޭ ބްރޭންޑްގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތަޢާރަފްކޮށް ބޮޑު ސާފު ކުރުމުގެ ހަރަކާތެއް ބޭއްވުމަށް ސްޓެލްކޯއަށް ޗެލެންޖްކޮށްފިއެވެ.

ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން މިއަދު 3000 މީހުންނާއި އެކު ވަނީ ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. އާބަންކޯއިން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިޔަ މި ހަރަކާތަށް ފަހު ސާފު ކުރުމުގެ މި ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ހެދުމަށް މިއަދު ވަނީ ކްލީން އަޕް ޗެލެންޖެއް ތަޢާރަފްކޮށްފައެވެ.

އެގޮތުން އެކި އިދާރާތަކާއި މުއައްސަސާތަކަށް ޗެލެންޖް ކުރެވޭއިރު، އާބަންކޯއިން މިއަދު ބޭއްވި ހަރަކާތައް ފަހު ޗެލެންޖްކޮށްފައިވަނީ ސްޓެލްކޯއަށެވެ. އެގޮތުން ސްޓެލްކޯއިން އެއް މަސް ދުވަހުގެ ތެރޭގައި މެގަ ކްލީން އަޕް އިވެންޓެއް އިންތިޒާމުކޮށް ބާއްވަން ޖެހޭނެއެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ.

އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ. މިމަޝަންދަތި ސްޓެލްކޯގެ ޓީމާއި ހަވާލުކޮށްދެއްވީ އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯއިން މި ހަރަކާތް ކުރިއަށްގެންދިޔަ އިރު، އަރބަންކޯގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މި ނޫން ވެސް ހަރަކާތްތައް މި އަހަރު ތެރޭގައި ރާވާލެވިފައިވެއެވެ. އަދި މިއަދު ބޭއްވިގެން ދިޔަ ސާފު ކުރުމުގެ ހަރަކާތަކީ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު ދެވަނަ ސާފު ކުރުމުގެ ހަރަކާތެވެ.