ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން އެދިފައި ނުވާނެ ކަމަށާއި އެދިވަޑައިގެންނެވީ އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭ ގޮތަށް ކޮމިޓީތައް އެކުލަވައި ނުލެއްވުމަށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް ޕީޖީ) ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މިހެން ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލައިގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީގެ ަރއްދުގައި ފޮނުއްވި ސިޓީގަ އެވެ.
އަމީންއާންމު ވިދާޅުވެފައި ވަނީ ކޮމިޓީތައް އެކުލަވާނުލެވި އޮތީ އެ މަސައްކަތް މަޑުޖައްސާލަން އަސްލަމް އެދިވަޑައިގެންނެވުމުން ކަމަށެވެ.
އެކަމާ ގުޅިގެން އަސްލަމް ރޭ ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތް އިރު، އެގޮތަށް ޢަމަލު ނުކުރާ ކަމަށެވެ. އަދި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އޭނާ އަށް އެކަމުގައި ބަސްބުނުމުގެ ފުރުޞަތުވެސް ނުދެއްވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން އެދިފައި ނުވާނެ ކަމަށާއި، މަޖިލީހުގައި އެދިވަޑައިގަތީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެކުލަވައިލާ ކޮމިޓީތަކުގައި އެމްޑީޕީގެ މެޖޯރިޓީ ނޯންނަ ގޮތަށް ކޮމިޓީތައް އެކުލަވާލުމަށް ކަމަށް ވިދާޅުވި އެވެ. އެހެންވެ އެއީ މަޖިލިސް ހުއްޓުވާފައި ބާއްވަން ދައްކަންޖެހޭ އުޒުރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނިސްބަތްވާ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ 64 ޕަސެންޓް މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭ ގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އަޅުގަނޑު މެއި 23 ގައި ދަންނަވާފައި ވާނެ،" އަސްލަމް ވިދާޅުވި އެވެ. "އަދި، އަޅުގަނޑުގެ އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަން. އެހެން ނަމަވެސް، އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރުކަމަށް މަތީގައި ޙަވާލާދީފައިވާ ސިޓީގައި ވިދާޅުވެފައިވާތީ ހިތާމަކުރަން އަދި 23 މެއިގެ ފަހުން ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު ވެސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމިޓީތަައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރަން."
އޭނަ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް އަލަށް އެކުލަވާލުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ. އެއަށް ފަހު، މަޖިލީހުގެ ދާއިމީ ކޮޓީތައް އަބަދުވެސް ދެމިއޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެމެންބަރަކު ވަކިވެއްޖެ ނަމަ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް އަންނަ ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް އެ ދެ މާއްދާގައި ބަޔާންކޮށްފައެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މެދުނުކެޑޭނޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކޮމިޓީތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާއިން ވެސް ސާފުކޮށް އެނގޭ."
އޭނަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް ގަވާއިދުގައި ބަޔާންކޮށްފައި ނުވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ދަންނަކަމަކަށް ނުވާތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީ އަށް އެކި ފަހަރު މަތިން އައި ބަދަލުތަކާ ގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާ އިން މަޖިލީހުގެ ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓުވާލާފައި ނުވާކަން ފާހަގަކުރަން،" އަސްލަމް ވިދާޅުވި އެވެ. "އަދި އޭރު އައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަކަންވެސް ފާހަގަކުރަން."
އަސްލަމް ވިދާޅުވީ ކޮމިޓީތައް ހުއްޓިފައި ބާއްވާން ޖެހޭ ހާލަތެއް ނެތުމުން ރައްއިޔިތިންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މަސައްކަތްތައް އެކޮމިޓީގައި މިވަގުތު ތިއްބެވި މެމްބަރުންނާއެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ކަނޑައަޅައި ދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.
އޭނަ އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން، އެގަރާރުގެ ލިޔުން ލިބޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި، އެ ގަރާރުގެ ނޯޓިސް އަމީންޢާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށް ފަހު، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެގަރާރު ހުށައަޅަން ވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައި ނުވާތީ، ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ދެއްވުމަށް މަޖިލީހުގެ އަމީންއާންމަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ނަޝީދާއި އީވާ މަގާމިން ވަކިކުރަން އެމްޑީޕީން ހުށަހެޅީ އެ ބޭފުޅުން އިސްކޮށް ތިއްބަވައިގެން "ދަ ޑިމޮރެކްޓްސް" ގެ ނަމުގައި އާ ޕާޓީއެއް ހަދަން ނިންމެވުމާ ގުޅިގެންނެވެ. އެ ޕާޓީ ހަދަން ނަޝީދަށް ތާއީދުކުރައްވާ މަޖިލީހުގެ 12 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގަތުމުން، މަޖިލީހުގައި އެ ޕާޓީ އަށް ސުޕަ މެޖޯރިޓީ މިދިޔަ މަހު ވަނީ ގެއްލިފަ އެވެ.