Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ލަންކާ އިން ވެސް ރާއްޖެ އަށް ރުއް ގެންނަނީ

ދާދި ފަހުން އިންޑިއާ އިން ވެސް ރުއް ގެނެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެ ރުއްތައް އިންދާފައިވާ އިރު، އަވައްޓެރި ސްރީ ލަންކާ އިން ވެސް ރުއް ގެންނަން ނިންމައިފި އެވެ.

އެ ގައުމުން ރާއްޖެ އަށް ރުއް ގެންނަން ނިންމި އިރު، މިދިޔަ ހަފުތާގައި ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ލަންކާ އަށް ކުރެއްވި ދަތުރުގައި އެކަމާ ގުޅޭ ގޮތުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާފައިވެ އެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ކޮކޮނަޓް ރިސާޗް އިންސްޓިޓިއުޓް (ސީއާރުއައި) އިން ހައްދާ ހައިބްރިޑް ރުއްތަކެއް ރާއްޖެ އަށް ލިބޭނެ ގޮތް ހަދައި ދިނުމަށް މަޝްވަރާކޮށްފައިވާ އިރު، 50،000 ރުކަށް ރާއްޖެ އިން އެދިފަައިވެ އެވެ.

އެހެންވެ މިކަމާ ގުޅޭ ގޮތުން ލަންކާގެ އިންޑަަސްޓްރީ އެންޑް ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރަނާ ވިދާޅުވީ ރާއްޖެ އން އެދުނު ގޮތަށް ރުއް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ގެނައީ 5،000 ރުކެވެ.

މިއީ ރާއްޖޭގެ ބައެއް ރުއްތަކަށް ބައެއް ކަހަލަ ބަލިތައް މިހާރު ރުކުގެ އާބާދީ ދަށްވެ، ކާށި ވެސް ލިބުން ދަތިވާތީއާ އެކީ "ރުކުގެ އާ ޖީލެއް" އުފައްދަން މޯލްޑިވްސް ގްރީން ފަންޑުގެ އެހީގައި ގެންނަ ރުއްތަކެވެ.