ޕްލާސްޓިކް ކޮތަޅު ފީން ދައުލަތަށް 1.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މޭއި މަހު ދައުލަތައް ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް މީރާއިން އާންމުކޮށްފައިވާއިރު، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ވަނީ އާންމުކޮށްފައެވެ. މިގޮތުން މިދިޔަ މޭއި މަހު 1.71 ބިލިއަން ރުފިޔާ ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ އެޕްރީލް މަހު 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ކޮންމެ ޕޮއިންޓް އޮފް ސޭލް އަކުން 2ރ. ނަގަން ފަށާފައިވާއިރު، މިއީ މި ތަފާސް ހިސާބުތައް އާމްދަނީގެ ތެރޭގައި ހިމަނައި އާންމު ކުރި ފުރަތަމަ ފަހަރެވެ. މިގޮތުން މިދިޔަ މޭއި މަހުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅުން 1177904ރ. ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
ޕްލާސްޓިކް ކޮތަޅުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތައް ލިބިފައިވާއިރު، ސަރުކާރުން ވަނީ މިއީ ދައުލަތައް އާމްދަނީ އިތުރުކުރުމަށް ނަގާ ފީ އެއް ނޫން ކަމަށެވެ. އަދި އާންމުންގެ މެދުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް މަދުވަމުންދާނެ ދިއުމާއިއެކު މި ފީގެ ގޮތުގައި ލިބޭ އަދަދުވެސް މަދުވަމުންދާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.
މިވަގުތު ޕްލާސްޓިކް ކޮތަޅަށް 2ރ. ގެ މަގުން ފީ ނަގަމުންދާއިރު ކޮތަޅު ބަނޑެޅި ވަނީ ބޮޑުތަނުން އަގު އުފުލިފައެވެ. މިމައްސަލަ ހައްލު ކުރަން ސަރުކާރުން ވަނީ ޤަނޫނަށް އިސްލާހެއްވެސް ހުށަހަޅާފައެވެ.