ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް ކަނޑަނޭޅޭތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް މިއަދު ވަޑައިގެން އެހެން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރި ވުމުންނެވެ.
އެކަމާ ގުޅިގެން ފޮޓޮއަކާއެކު ކުރެއްވި ޓްވީޓެއްގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ރައީސް ނަޝީދު އިންނެވީ މަޖިލިސްގައި ކުޑަދޮށުގައި ކަމަށެވެ. އަދި ދައުލަތުގެ އެންމެ ބޮޑު އެއް މުއައްސަސާ ހުއްޓުވުމަކީ ބޮޑު ޤާނޫނީ ކުށެއްކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
"ޖަލްސާ ހުއްޓުވުން ކުއްވެރި ކުރަން." ނިހާދުގެ ޓްވީޓްގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާގޮތުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އިއްޔަ ފޮނުވި ސިޓީއަކުން ދަންނަވާފައިވާ ކަމަށް ނިޔުޝާ ވިދާޅުވިއެވެ.
އެހެންނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ވަކިގޮތެއް ނުނިންމެނީސް، ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން 12 ޖޫންގައި ފޮނުވި ސިޓީފުޅުގައި އަންގަވާފައިވާ ކަމަށްވެސް ނިޔުޝާ ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިވަގުތު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވިއެވެ.