މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ތެރެއިން ރާއްޖޭގައި ހިފާ ނަގައި، ބާނައި ނެގުން މަނާ ބާވައްތައް އުނި ކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ އާންމު ޤަވާއިދަށް ފުރަތަމަ އިސްލާހު މިއަދު ގެނެސް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. މިނިސްޓްރީން ބުނި ގޮތުގައި މި އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ އެހެން އިދާރާތަކުން ތަންފީޒު ކުރަމުންދާ ޤަވާއިދުތަކާއި، އެ ޤަވާއިދާއި ހުރި ފުށުއެރުންތައް ހައްލުކޮށް ޤަވާއިދު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމެވެ.
އެގޮތުން މިއަދު މަސްވެރިކަމުގެ އާންމު ޤަވާއިދަށް ގެނެވުނު އިސްލާހުގައި މެރުން، ހިފުން، ނެގުން މަނާ ބާވައްތަކުން މަޑި، ވެލާ، ކަހަނބު އަދި އޭގެ ބިސް ވަނީ އުނިކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި ތަކެތި އުނި މި ޤަވާއިދުގެ ތެރެއިން އުނިކުރީ، މިއީ އެންވައިރޮމެންޓް މިނިސްޓްރީން އެކުލަވާލާފައިވާ ޤުދުރަތީ ގޮތުގައި ނުވަތަ ތަބީޢީ ގޮތުގައި ރައްކާތެރިކޮށް ހިމާޔަތް ކުރާ ދިރޭ ތަކެއްޗާއި ބެހޭ ޤަވާއިދުގައި މި ތަކެއްޗަކީ ހިމާޔަތްކޮށްފައިވާ ތަކެއްޗައް ވުމުންނެވެ. އެހެން ކަމުން އެއް ވުޒާރާއަކުން އެކަން ތަންފީޒު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ތެރެއިން މިބާވައްތައް އުނި ކުރިނަމަވެސް، މި ބާވައްތައް އަދިވެސް ހިމެނެނީ ދިވެހި ރާއްޖޭގެ ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައިއެވެ. އެހެން ކަމުން މިތަކެތި ހިފާ މަރާ އަދި ނެގުމަކީ މަނާކަމެކެވެ. އަދި ފިޔަވަޅުވެސް އެޅޭނެ ކަމެކެވެ.
މިނިސްޓްރީން މިއަދު ގެނައި އިސްހާލުގައި، ސްޕޯޓްސް ފިޝިންގ އަށް މިނިސްޓްރީން އަޅާފައިވާ އޮއިވާލި ކަނދުފަތިކައިރީ މަސްވެރިކަން ކުރުމުގެ އުސޫލުވެސް ވަނީ ހިމަނާފައެވެ. މިއީ މުނިފޫހިފިލުވުމުގެ ބޭނުމުގައި ކުރާ މަސްވެރިކަމަށް މިނިސްޓްރީން އަޅާފައިވާ ކަނދުފަތިތަކެކެވެ. މީގެ އިތުުރުން ސަޤާފީ ގޮތުން ނުވަތަ ރަށެއްގެ ފަޅުތެރިއިން އަމިއްލަ ފަރުދުން ދައު އަޅައިގެން ކުރާ މަސްވެރިކަމާއި ބެހޭ އޫސޫލެއްވެސް ވަނީ ހިމަނާފައެވެ. އަދި މިފަދަ ކަންކަމުގައި ބެލެހެއްޓުމުގައި ކައުންސިލްގެ ދައުރު މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދެއް ފުރަތަމަ ޝާއިއުކުރީ 2020 ވަނަ އަހުރުއެވެ. މި ޤަވާއިދުގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ ބާވަތެއްގެ މަސްވެރިކަމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ވަނީ ހިމަނާފާއެވެ.