ކުރިއަށް އޮތް ބޮޑު އީދުގެ ބަންދަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީން ބުނި ގޮތުގައި ރައީސްގެ އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގެ ކުރިން ކެމްޕޭންގެ ތެރެއިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވުމެވެ. ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރޭގައި ވެސް ރައީސް އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރެއްވި އެވެ.
އެމްޑީޕީން ބުނީ މިދިޔަ މަހުން ފެށިގެން އެ ޕާޓީން އަންނަނީ ވަރަށް ފޯރީގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދޮރުންދޮރަށް ހިނގުމާއި ޕޯސްޓަރުތަކާއ ބެނާތައް ހަރުކުރުމާއި ޕާޓީ އަށް މެމްބަރުން އިތުރުކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ އެ ޕާޓީއާ ދެކޮޅަށް މިހާރު ނުކުމެވަޑައިގެން ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަ އެވެ. އަދި ރައީސަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެމްޑީޕީން ބުނަމުން އަންނަނީ އެއް ބުރުން ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.