Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

ދައުވާތައް ގެންދިއުމުން އަލީގެ އިހުސާސަކީ މިއީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ނިންމައޮ ދައުވާތައް އަނބުރާ ގެންދިއުމާ ގުޅިގެން ކުރު ޓްވީޓަކުން ވީ އުފަލުގެ އިހުސާސް ބަންޑުންކޮށްލައިފި އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު އާއިލާއާ އެކު ކުޑައިރު ނަގާފައިވާ ފޮޓޯއަކާ އެކީ އެންމެ ފުރަތަމަ ވިދާޅުވެފައި އޮތީ "އަލްހަމްދުލިﷲ އެވެ. އެއަށް ފަހު ޅެން ބަހުރުވައިން "އައި އުފާ މިނިވަން ހަޤީޤީ، އަލިކަމެއް ފެނިލައިފިއޭ، އަލިކަމެއް ފެނިލައިފިއޭ" ވިދާޅުވެ ލަވައެއްގެ ކަޑިއެއް ޔޫޓިއުބް ވީޑިއޯއެއްގެ ލިންކަކާ އެކީ ހިއްސާކޮށްފައިވެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލީ ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އޭނަ ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޯބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވީ ކަމަށް ބުނެފައިވެ އެވެ. އެވެ.

ނަމަވެސް ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އޭނައާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފައިވުމާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ގެންދާތގީ ކަމަށް ބުނެފައިވެ އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

"މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފައި." ބަޔާނުގައިވެ އެވެ.

ޕީޖީން ބުނީ އެ މީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދެވޭނެތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުން ކަމަށެވެ.

އަލީ އަށް ކުރި ދައުވާތައް ޕީޖީން އަނބުރާ ގެންދިޔަ އިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.