Last Updated: February 12, 06:02
Wednesday, February 12, 2025
ޚަބަރު

އެމްޑީޕީގެ "އަންހެނުންގެ އަޑު" މާދަމާ

"އަންހެނުންގެ އަޑު" ގެ ނަމުގައި އެމްޑީޕީގެ މެނިފެސްޓޯއާ ގުޅޭ ގޮތުން ޕާޓީގެ އަންހެން މެމްބަރުންނަށް ހާއްސަކޮށްގެން މާދަމާ ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމުކުރާ މި ވޯކްޝޮޕް ކުރިއަށް ދާނީ މާލޭގެ ދަރުމަވަންތަ ސްކޫލްގައި މާދަމާ މެންދުރު ފަހު 1:45 އިން ހަވީރު 6:00 އާ ހަމައަށެވެ. އަންހެނުންގެ ރޫހުން ބުނީ "އަންހެނުންގެ އަޑު" ވޯކްޝޮޕްގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.

މި ވޯކްޝޮޕްގެ ތެރޭގައި މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގައި އަންހެނުންގެ ހިއްސާ އާއި ބައިވެރިވުން އިިތުރުކޮށް، އަންހެނުންގެ ގުޅުން ހުރި ގިނަ ކަންކަމަށް ބާރު އަޅަން މަޝްވަރާކުރުން ފަދަ ކަންކަން ކުރިއަށްދާނެ އެވެ.

އެމްޑީޕީން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ބޮޑު އީދަށް ފަހު، ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ރިޔާސީ ކެމްޕޭން ލޯންޗްކުރައްވައި، އަތޮޅުތަކަށް ވެސް ދަތުރުތައް ފައްޓަވާނެ އެވެ.