Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އައްޑޫގެ މަލަމަތި ރީތިކުރަން ކަދުރު ރުއް އިންދަނީ

އައްޑޫގެ މަލަމަތި ރީތިކުރުމަށްޓަކައި ކަދުރުރުއްތަކެއް އިިންދަން ނިންމައި 300 ކަދުރުރުއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

ކައުންސިލުން ބުނީ މި ބީލަން ހުޅުވާލާފައި ވަނީ ކުދި އަދި ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ބީލަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 16،500ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.

މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ މިއީ އައްޑޫގެ މަގުތައް ވެސް މިހާރު ހެދިގެން އަންނާތީއާ އާއި ބިން ވެސް ހިއްކަމުން އަންނާތީ އައްޑޫގެ މަލަމަތި ރީތިކޮށް، ނަލަކުރަން އިންދުމަށްޓަކައި ހޯދާ ރުއްތަކެއް ކަމަށެވެ. އެގޮތުން މި ފަހަރު ބީލަމަށްލި 300 ކަދުރުރުކަކީ މި މަސައްކަތުގެ ފުރަތަމަ ޝިޕްމަންޓް ކަމަށް ވިދާޅުވި އެވެ.

"އައްޑޫގެ ހުރިހާ އަވަށެއްގެ އާންމު ތަންނުގައި އޭގެ ތެރޭގައި ބަނދަރުމައްޗާއި އެ ނޫން ވެސް އެކި ތަންތަނުގައި ކަދުރުރުއް އިންދައި އައްޑޫގެ މަލަމަތި ޒީނަތްތެރި ކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ "އެހެންވީމަ މި ފަހަރު ހޯދަން މި ނިންމި ރުއްތަކުގެ އިތުރަށް ވެސް ކަދުރުރުތައް އައްޑު އަށް ގެނެސް އެކި ތަންގަނުގައި އިންދާނެ."

ކައުންސިލުން 2021 ގައި އައްޑޫގައި 100،000 ދިވެހި ރުއް އިންދުމުގެ ޕްރޮގްރާމެއް ވެސް ފެށި އެވެ.