ރާއްޖޭގެ އާބާދީގެ ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުންދާ އައްޑޫގެ މަގު މަރާމާތު ނުކުރެވި އެތައް ދުވެހެއް ފާއިތުވެގެންދާއިރު އަދިވެސް މިކަަމަށް ހައްލެއް ނުފެނެއެވެ. ކުރިން އަތޮޅު އޮފީހާއި، ކައުންސިލުން ދެމުން ދިޔަ ހިދްމަތް މިއަދު ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުވުމުން މުޅިން ހުއްޓުން އެރީއެވެ.
އައްޑޫގެ މަގު މަރާމާތުކޮށް ބެލެހެއްޓުން 2007 ވަނަ އަހަރު ޖެނުއަރީ 25 ވަނަ ދުވަހު ސަރުކާރުން އޭރުގެ އައްޑޫ އަތޮޅު އޮފީހާއި ހަވާލު ކުރިއެވެ.
މިމަސައްކަތް ކުރުމަށް އޭރު ސަރުކާރުން 6103777.00 ރުފިޔާ ( ހަ މިލިއަން އެއްސަތޭކަތިންހާސް ހަތްސަތޭކަ ހަތްދިހަ ހަތް ރުފިޔާ )އާއި 33 ވެހިކަލާއި 73 މުވައްޒަފުންނާއި 3 ބިމާއި 3 އިމާރާތާއި އެވަގުތައް ބޭނުންވާނެ ސްޕެއަރއާއި ޓޫލްސް އަތޮޅު އޮފީހާއި ހަވާލު ކުރިއެވެ.
އެ ތާރީޚުން ފެށިގެން އައްޑޫގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަމުން އައިސްފައިވަނީ އައްޑުއަތޮޅު އަތޮޅުއޮފީހުންނެވެ. ސަރުކާރުން ބަޖެޓާއި ވަސީލަތް ތަނަވަސްކޮށްދެއްވުމުގެ ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް މިމަސައްކަތް ހިންގުން އައީ ހަރުދަނާވަމުންނެވެ.
2010 ވަނަ އަހަރު ދަވްލަތުގެ ބަޖެޓުން 10،659،323.11 ރުފިޔާ ( ދިހަ މިލިއަން ހަސަތޭކަ ފަންސާސްނުވަހާސް ތިންސަތޭކަ ތޭވީސް ރުފިޔާ އެގާރަ ލާރި) އައްޑޫގެ މަގުހެދުމުގެ ޚިދުމަތަށް ދޫކުރެއްވިއެވެ.
2010 ވަނައަހަރު ދެކުނުގެ ތަރައްގީއަށް މަސައްކަތް ކުރެއްވުމަށް ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ސަދަން ޔުޓިލިޓީސް ލިމިޓެޑް ސަރުކާރުން އުފައްދަވައި އެކުންފުނިން މިމަސައްކަތް ކުރިއަށް ގެންދަވާ ގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން އެކުންފުނިން ވަރަށް ބާރުސްޕީޑްގައި އައްޑޫގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެމަސައްކަތް ކުރިއަށްގެންދަވަމުން ދަނިކޮށް ފެބްރުއަރީ 7 ގައި ސަރުކާރު ހިންގުމަށް އައި ބަދަލާއެކު ސަދަން ޔުޓިލިޓީސް ލިމިޓެޑް އުވާލެއްވިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަސައްކަތްތަކަށް އައްޑޫއާއި ހަވާލު ކުރައްވާފައިވާ ތަކެއްޗާއި މިހާތަނަށް މިޚިދުމަތައް ހޯދިފައިވާ ތަކެތި މިހާރުވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.
އައްޑޫގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވިއްސަކަށްހާސް މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ހިތަދޫގެ ބޮޑުމަގު ނުނިމި އޮތުމާއި މަގުގެ ފެންހިންދޭނެ ނިޒާމު ނެތުމާއި ކާނުތަކުގެ މަތިގަޑުތައް ނެތުމާއި ރަނގަޅަށް މަގުގެ މަސައްކަތް ނިންމާނުލެވި އޮތުމުން ރައްޔިތުންނަށް ކޮންމެ ދުވަހަކު ތަކުލީފުތައް ކުރިމަތި ވަމުން ދިޔުމުގެ އިތުރުން ބައެއް ހިސާބުތައް ވަނީ އަނދަވަޅުތަކަކަށް ވެފައެވެ.
ސާކް ސަމިޓާ ގުޅިގެން އައްޑޫސިޓީގެ މަގުތައް ހެދުމަށް ސަރުކާރުން ގެނެސްފައިވާ 421 ޓަނުގެ ސިމެންތި (84210 ކޮތަޅު)އާއި، 20ހާސް ކޮތަޅު ހިލަވެލިއާއި، 22 ހާސް ކޮތަޅުގެ ހިލައާއި، 40 ޓަނުގެ ތާރު ހުއްޓެވެ. މިއީ އޭރު ސަރުކާރުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފަށާފައިވާ މަސައްކަތުގެ ނުނިމި ހުރި މަސައްކަތުގެ 25 ޕަސެންޓް މަސައްކަތަށްވާ މެޓީރިއަލްސް އެވެ.
ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ގާނޫނު ނަމްބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވެއެވެ. މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ، ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތެކެވެ.
2012 ވަނަ އަހަރަށް ލަފާކޮށް އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅި ބަޖެޓުގައި އައްޑޫގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޚިދުމަތަށް ފައިސާ ހޯދުމަށްއެދި ހުށަހެޅުނެވެ.
ނަމަވެސް އައްޑޫސިޓީ ކައުންސިލަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެއްވިއިރު މަގުމަރާމާތުކޮށް ބެލެހެއްޓުމުގެ ޚިދުމަތަށް ފައިސާ ހިމަނުއްވައި ދެއްވާފައިނުވެއެވެ.
އައްޑޫސިޓީގެ މަގު ހެދުން ކުރިއަށް ގެންދަވާނެ ގޮތުގެ މައުލޫމާތު ސަރުކާރުން އައްޑޫސިޓީ ކައުންސިލަށް ދެއްވާފައި ނުވެއެވެ. 9 މެއި 2013 ގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު މަގާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކައުންސިލާއެކު ކުރެވިފައި ނުވެއެވެ. މަގުހަދާނެ ގޮތުގެ ޑިޒައިނެއް އަދި ޕްލޭނެއްވެސް މިހާތަނަށް ކައުންސިލަށް ހިއްސާކުރައްވާފައި ނުވެއެވެ.
އެހެންކަމުން އައްޑޫގެ މަގުތައް ހެދުމުގެ ޕްލޭންތައް މީގެ ކުރީން އެކުލަވާލާފައިވާކަމަށާ ނަމަވެސް ސިޓީ ކައުންސިލްގެ މެންޑޭޓްގެ ތެރެއަށް މިމަސައްކަތްދިއުމުން މަސައްކަތް ނުކުރެވި ބޮއްސުންލާފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ . މުހައްމަދު މުއިއްޒު ވިދާޅުވެ ފައިވާ ވިދާޅުވުމަކީ ތެދުވާހަކަތަކެއް ނޫނެވެ. އައްޑޫ ސިޓީކައުންސިލް ބަޖެޓްގައި އާމްދަނީ ނެތްކަމުގައިވިޔަސް އައްޑު އަތޮޅުގެ ވެލިމަގުތައް މަރާމާތް ކޮށް ބަލަހައްޓަވަން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ސިޓީ ކައުންސިލްއިންދަނީ ކުރައްވަމުންނެވެ.